އުމްރާވެރިން، ފޮޓޯ: މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
އުމްރާވެރިން، ފޮޓޯ: މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް އަންނަ އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެ ކޯޕަރޭޝަންގެ ޢުމްރާ ކަލަންޑަރު އިޢުލާނުކޮށް، ދަތުރުތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، 2025 ވަނަ އަހަރުގެ ޢުމްރާ ދަތުރުތައް އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ކަލަންޑަރަށް ވަރަށް ބޮޑަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިއީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، އާއިލާތަކަށް އެކުގައި ދަތުރުކުރުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމުގެ މަޤްޞަދުގައި ނިންމި ނިންމުމެކެވެ. އެގޮތުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި، ސެޕްޓެމްބަރު އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރެވެ.

އަގުތަކަށް ބަލާއިރު، މި އަހަރެކޭ އެއްފަދައިން އަންނަ އަހަރުވެސް ޕެކޭޖުތަކުގެ އަގުތައް ހިފެހެއްޓުމަށް ކޯޕަރޭޝަނުން ވަނީ އިސްކަންދީފައެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ދަތުރުގެ އަގަކީ 30،965 ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ ޗުއްޓީއާ ދިމާކޮށް ބާއްވާ ޢުމްރާ ޕެކޭޖުގެ އަގަކީ 31،965 ރުފިޔާއެވެ.

އަންނަ އަހަރުގެ ދަތުރުތަކުގައި ޢާންމުންނަށް ޚާއްޞަ ލުއިތަކެއް ހަމަޖެއްސުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާއަށް އުދުއްސާލުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މުސްތަޤުބަލުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ގަމުން ސީދާ ފްލައިޓުތައް އޮޕަރޭޓް ކުރުމަކީވެސް އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މީގެއިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އެމީހަކު ހުރި ރަށަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ޕެކޭޖުގައި ހިމެނޭ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖެއިން ސީދާ ޖިއްދާއަށް ކުރާ ޑައިރެކްޓް ފްލައިޓުތަކާއި، ފެންވަރު ރަނގަޅު ހޮޓާތަކުގެ އެކޮމޮޑޭޝަނާއި، ފޮށްޓާއި އިޙްރާމް ހިމެނޭ ފުރިހަމަ ޢުމްރާ ކިޓެއް ހިލޭ ދިނުން ހިމެނެއެވެ. ހަމައެއާއެކު، މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން މައްކާއާއި މަދީނާއާ ދެމެދު ހައިސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ލޯންޑްރީ ޚިދުމަތް ވެސް ޕެކޭޖުގެ ތެރޭގައި ހިމެނެއެވެ. ޢުމްރާވެރިންގެ ޞިއްޙަތާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ މެޑިކަލް ޓީމެއްގެ ޚިދުމަތާއި، ޢުމްރާވެރިން މަގުގެއްލުނަ ނުދިނުމަށް ބޭނުންކުރާ ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ، ކޮންމެ ދަތުރަކަށްވެސް މީހުން ނެގުމަށް ހަމަޖެހިފައިވަނީ ވަކި ލިމިޓެއްގެ ދަށުން ކަމަށްވާތީ، ޖާގަ ކަށަވަރުކުރުމަށްޓަކައި ވީހާވެސް އަވަހަކަށް އެ ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަސްމީ ވެބްސައިޓުން ރަޖިސްޓްރީވުމަށް އިލްތިމާސްކުރާ ކަމަށެވެ. އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހުރި، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް