ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
އީރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ނުދިނުމަށާއި، މައްސަލަތައް ހައްލުކުރުމަށް ޑިޕްލޮމެޓިކް މަޝްވަރާތައް އިސްކުރުމަށް ދުނިޔޭގެ ނުފޫޒުގަދަ 8 ގައުމެއްގެ ޚާރިޖީ ވަޒީރުން އެމެރިކާއަށް އިލްތިމާސްކުރައްވައިފިއެވެ.

މި ގޮވާލުން އައިސްފައިވަނީ ހުރުމުޒް ކަނޑުއޮޅީގެ ހާލަތާއި މެދުއިރުމަތީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވި ޚާއްސަ ބައްދަލުވުމަކަށް ފަހުގައެވެ.

ހުކުރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޔޫރަޕްގެ 'އީ3' ގައި ހިމެނޭ އިނގިރޭސިވިލާތާއި، ފްރާންސް އަދި ޖަރުމަނުވިލާތުގެ އިތުރުން އިޓަލީ ބައިވެރިވިއެވެ. އަދި މެދުއިރުމައްޗާއި ސަރަހައްދީ ގައުމުތައް ތަމްސީލުކުރާ 'އާރު4' ގްރޫޕުގައި ހިމެނޭ ތުރުކީވިލާތް، ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި މިސްރުގެ ޚާރިޖީ ވަޒީރުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ގައުމަކުން އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އެޅުމަށް ނުވަތަ ހަމަލާއެއް ދިނުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ހަނގުރާމަ ފުޅާވެގެންދާނެ ކަމަށާއި، މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ މަޝްވަރާއާއި ޑިޕްލޮމެސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ޚާރިޖީ ވަޒީރު ޜޯން-ނޮއެލް ބަރޯ ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ އެކަމުގެ ސަބަބުން އެންމެންނަށްވެސް ލިބޭނީ ގެއްލުން ކަމަށާއި، ތެލުގެ އަގަށްވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އެހެންކަމުން ދެފަރާތުންވެސް ކެތްތެރިކަން އިސްކުރުމަށް އޭނާ ގޮވާލެއްވިއެވެ. އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ވެސް ވަނީ ހަމައެކަނި އަސްކަރީ ނަޒަރަކުން މި މައްސަލަ ހައްލުނުކުރެވޭނެ ކަމަށާއި، ހުރުމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ވާހަކަދައްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގައުމުތަކުން މިފަދަ އިންޒާރެއް ދީފައި މިވަނީ، މި ހަފުތާ ބަންދުގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމުގެ ފުރުސަތު "ވަރަށް ބޮޑު" ކަމަށް ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ސަފީރު ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަކަށް ތައްޔާރަށް ހުންނެވި ނަމަވެސް، އެމެރިކާއިން ބޭނުންވާ ކަންކަން ސާފުކޮށް ހާމަކުރައްވާފައިވާ ކަމަށާއި، އަސްކަރީ ފިޔަވަޅެއް އެޅިޔަސް އެއީ ވެރިކަން ބަދަލުކުރުމުގެ މަގްސަދުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ.

މި ސަމިޓުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި، ޔަމަނުގެ ހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިންމުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި

މަޝްވަރާކުރެވުނެވެ. އަދި އާރު4 ގްރޫޕުގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ސަރަހައްދުގެ ހަމަޖެހުން ގެއްލުމުގެ އަސްލަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުން ކަމަށް ބުނެ، ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައޫދީއާއި ޔަމަނުގެ ގާނޫނީ ސަރުކާރާއެކު ސާބިތުވެ ތިބިކަން ވަޒީރުން ހާމަކުރެއްވިއެވެ. މި ބައްދަލުވުމަކީ ސަރަހައްދީ ސުލްހައާއި ދިފާއީ އެއްބާރުލުން އިތުރުކުރުމަށް، ޚާއްސަކޮށް ތުރުކީ އާއި ސައޫދީ އަދި ޕާކިސްތާނުން ގާއިމުކޮށްފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މުރާސިލުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް