ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް ފަހިކޮށްދޭނެ މުހިންމު ބިންގަލެއް ކަމަށް ބުނެ، މޯލްޑިވްސް ބިޒްނަސް ޗެމްބަރ (އެމްބީސީ) އިން އެ މަޝްރޫޢަށް ފުރިހަމައަށް ތާޢީދުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްބީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އާންމުކޮށް ބަރޯސާވާ ދާއިރާތައް ފުޅާވެ، ސިންދަފާތުވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ޚާއްޞަކޮށް އަންނަން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ އިޤްތިޞާދީ ފާގަތިކަމާއި ތަނަވަސްކަން ކަށަވަރުކޮށްދޭނެ ވަރަށް ބޭނުންތެރި މަސައްކަތެއް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

އެމްބީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރު، ނުވަތަ 308 ބިލިއަން ދިވެހި ރުފިޔާގެ އަގުހުރި ބިޔަ އިންވެސްޓްމަންޓެކެވެ. އިބްތިދާއީ އަންދާޒާތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ބޭރުގެ ސީދާ އިންވެސްޓްމަންޓްގެ ގޮތުގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޤައުމަށް ގެނައުމުގެ ފުރުޞަތު އެބައޮތެވެ. މީގެއިތުރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާއިރު، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން ޑޮލަރު ޤައުމަށް ލިބިގެންދާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްބީސީން ދެކެއެވެ. އޭގެ ތެރޭގައި ޢިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ޕްރޮފެޝަނަލް ޚިދުމަތްތައް ދޭ ފަރާތްތަކަށް އައު މާކެޓްތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް އެމްބީސީން ބާރުއަޅަނީ މި މަޝްރޫޢުގެ ކާމިޔާބީ ހަމައެކަނި ލިބޭ އިންވެސްޓްމަންޓާއި ފަތުރުވެރިކަމުގެ އާމްދަނީން މިނެކިރުމުގެ ބަދަލުގައި، ދިވެހިންނަށް ލިބޭ ވަޒީފާތަކާއި، ވިޔަފާރިތަކުގެ ކުރިއެރުމާއި، ޒުވާނުންނަށް ދަސްކޮށްދެވޭ ހުނަރުތަކަށް ބަލައިގެން ވަޒަންކުރުމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަންދީ، ސަޕްލަޔަރުންގެ ގޮތުގައާއި އިންވެސްޓްމަންޓްތަކުގައި ދިވެހި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

އެމްބީސީން ސިފަކުރި ގޮތުގައި ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީ ހަރުދަނާކޮށް، ކުރިމަގުގެ ޖީލުތަކަށް ވާދަވެރި ވިޔަފާރީގެ މާޙައުލެއް ބިނާކުރުމަށް އެޅޭ ވަރަށް އުންމީދީ އަދި ހެޔޮ ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް