މަރުގެ އަދަބު ލިބުނު ދެ މީހުން
މަރުގެ އަދަބު ލިބުނު ދެ މީހުން
މާތްވެގެންވާ މައްކާގެ ހަރަމްފުޅުގެ ސަރަޙައްދުގައި ހުންނަ މިސްކިތެއްގެ ތެރޭގައި ފާޙިޝް ޢަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަޢޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) މެދުވެރިކޮށް އެ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޖަރީމާ ހިންގާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ ނަޒްރުލް އިސްލާމް ޢަބްދުލް ބަސީރު ނަމަކަށް ކިޔާ ފިރިހެނަކާއި، ސިތީ އަޚްތަރު ނަމަކަށް ކިޔާ އަންހެނެކެވެ.

މާތްވެގެންވާ ބިމެއްގެ ޙުރުމަތް ކަނޑައި، މިސްކިތެއްގެ އެތެރޭގައި މި ފަދަ ހުތުރު ޢަމަލެއް ހިންގުމާ ގުޅިގެން، ސަޢޫދީގެ ސަލާމަތީ ބާރުތަކުން ވަގުތުން ހަރަކާތްތެރިވެ އެ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކުރުމަށްފަހު ކަމާބެހޭ ކޯޓަށް ހުށަހެޅުމުން، ދަޢުވާލިބޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މި ޢަމަލުގެ ނުބައިކަމާއި ނުރައްކާތެރިކަމަށް ރިޢާޔަތްކޮށް، ތަޢުޒީރީ ޢުޤޫބާތެއްގެ ގޮތުން އެ ދެ މީހުން މެރުމަށް ކޯޓުން ޙުކުމްކުރިއެވެ.

މި ޙުކުމް އިސްތިއުނާފު އަދި ސުޕްރީމް ކޯޓުން ދަމަހައްޓައި، ރަސްގެފާނުގެ އަމުރުފުޅު (ރޯޔަލް އޯޑަރ) ނެރުއްވުމާ ގުޅިގެން، 14 އޮކްޓޯބަރު 2026 ވީ ބުދަ ދުވަހު މައްކާގެ ސަރަޙައްދުގައި އެ ދެ މީހުންގެ މައްޗަށް މަރުގެ އަދަބު ވަނީ ތަންފީޒުކޮށްފައެވެ.

ސަޢޫދީ ސަރުކާރުން އަބަދުވެސް އިސްކަންދެނީ ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައި ވެއެވެ. އަދި މިސްކިތްތަކުގެ ޙުރުމަތް ކަނޑައި، މުޖުތަމަޢުގެ އަގުތަކާއި އަބުރަށް އަރައިގަންނަ ކޮންމެ ފަރާތަކާ މެދުވެސް އިސްލާމީ ޝަރީޢަތުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ބަޔާނުގައި ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު