ނަޒްރުލް އިސްލާމް
ނަޒްރުލް އިސްލާމް
ސއުދީ އަރަބިއްޔާގައި އެކަށީގެންވާ އިންސާފުވެރި ޝަރީއަތަކާ ނުލައި، އަދި އާއިލާއަށް ކުރިން އެންގުމަކާ ނުލައި މަރާލި ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ ނަޒްރުލް އިސްލާމްގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އިންސާފަށް ގޮވާލައިފިއެވެ.

އުމުރުން 22 އަހަރުގެ ނަޒްރުލް މަރާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އާއިލާއިން މައުލޫމާތުދޭގޮތުގައި، 2022 ނޮވެމްބަރު މަހު ސައުދީ އަރަބިއްޔާއަށް މަސައްކަތަށް ދިޔަ ނަޒްރުލް، އެ ގައުމަށް ގޮސްތާ ހަ މަސް ފަހުން މައްކާގެ މިސްކިތެއްގައި ހިންގި ކަމަށް ބުނެ އަޚްލާޤީ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނަމަވެސް، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި، ދިފާއުވުމަށް ލިބުނު ފުރުސަތުތަކާ ގުޅޭގޮތުން އާއިލާއަށް އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައި ނުވާއިރު، އޭނާ މަރާލިކަން އާއިލާއަށް އެނގުނީ ފަހުން މީޑީއާ ރިޕޯޓްތަކުންނެވެ.

ނަޒްރުލްގެ މަންމަ ރަޙީމާ ބީގަމް އަދި ބައްޕަ އަބްދުލް ބަސީރު ބުނެފައިވާގޮތުގައި، ދަރިފަރަށް އެއްވެސް އިންސާފެއް ނުލިބި މަރާލާފައިވާތީ އެމީހުން ބޭނުންވަނީ މިކަމުގެ ހައްޤު އިންސާފެވެ.

އަދި ދަރިފަރަށްޓަކައި ނަގާފައިވާ ބޮޑު ދަރަންޏެއް އަދާކުރަންޖެހިފައިވާއިރު، އޭނާގެ ހަށިގަނޑު ދައުލަތުގެ ޚަރަދުގައި އަނބުރާ ގައުމަށް ގެނެސްދިނުމަށާއި މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށްދިނުމަށް ވެސް އާއިލާއިން ވަނީ ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ، މަރާލި މީހުންގެ ހަޤީގީ އައިޑެންޓިޓީ ރަސްމީކޮށް އަދިވެސް ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

އަދި ސައުދީ ސަރުކާރުން ޤައިދީންގެ މައުލޫމާތު ހިއްސާކުރުމުގައި އަމަލުކޮށްފައިވާ ގޮތުންނާއި މައުލޫމާތުގެ ފަރަގުތަކެއް ހުރުމުން، އެކަމާ ގުޅިގެން ސައުދީ ސަރުކާރުގެ ކިބައިން ޖަވާބުދާރީވުމަށް އެދިފައިވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު