ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ވަޑައިގަތުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު މިރޭ ވިދާޅުވީ، އެ ޤައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑު އުފާފުޅަކާއި ޝަރަފެއް ކަމަށެވެ. އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.



ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ފައިބާވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮންނާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ޕްރައިމް މިނިސްޓަރ ހައުސްގައި، މާދަމާއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ މަޝްވަރާތަކާއި ބައްދަލުވުންތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ތަފާތު ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތުތަކެއް ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެެއެވެ.



ކިޔުންތެރިންގެ ހިޔާލު