ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ރަސްމާލޭގެ ބިން އީގަލްހިލްސްއަށް ކުއްޔަށް ދިނުމާ ދެކޮޅަށް ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ގައުމީ ހަރަކާތެއް މިއަދު ފަށައިފިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މި ހަރަކާތް އިފްތިތާހު ކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވީ މިއީ ރަސްމާލެ 99 އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އުފެދެމުން އައި ވަކިވަކި އަޑުތައް އެއްކޮށްލައިގެން ފެށި މަސައްކަތެއް ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކޮށްލަން ނިންމި ނިންމުން ބާތިލު ކުރަންދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާނު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ މިސްރާބު ބަދަލުވެ މިއަދު ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި ބޮޑު ސްކޭމެއް ހިންގަމުންދާ ތަން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ޒަޔަނިސްޓުންގެ އަތްމައްޗަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމަށް ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް އިމްރާނު ތުހުމަތު ކުރެއްވިއެވެ. އަދި މި މަޝްރޫއަކީ ދުރާލާ ރާލައިގެން ދިވެހިންގެ ބާރު ދިވެހިރާއްޖޭގެ ރަށްވެހިންގެ އަތުން ނިގުޅައިގަތުމަށް ހިންގާ ވަރަށް ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މިއަދު ފެށި ހަރަކާތުގެ ބޭނުމަކީ ރަސްމާލޭ ބިން ކުއްޔަށް ދިނުމާމި ދެކޮޅު އެންމެން އެއްގަލަކަށް އަރުވައި ގައުމީ ފެންވަރެއްގައި އެ މަޝްރޫޢު ހުއްޓުވުން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބިމާއި ކަނޑުފަޅުގެ ވަސީލަތްތައް ބޭރުގެ އިންވެސްޓަރުންނަށް ދޫކުރަންވާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު އިމްރާން ވިދާޅުވީ ދިވެހި ތާރީހުގައި ގައުމަށް ހިޔާނާތްތެރިވާ ކޮންމެ ފަހަރަކު ދިވެހިން ނިކުމެ ގައުމު ސަލާމަތް ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އޮތީ މި ގޮތަށް މިކަން ކުރިއަދޭގޮތަށް ނޫން ކަމަށެވެ.

"ދިވެހި ތާރީހުގެ ތެރެއިން ފެންނަން އޮތް މުހިންމު މަންޒަރުތަކަށް ބަލާއިރު، ގައުމަށް ހިޔާނާތްތެރިވެ ހައްދާރުވާ ކޮންމެ ފަހަރަކު ދިވެހިން ތެދުވެ ވަނީ ދިވެހި ގައުމު ސަލާމަތްކޮށްފަ." އިމްރާން ވިދާޅުވިއެވެ.

އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާއި ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ގައުމުދެކެ ލޯބިވާ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް އިމްރާން މިއަދު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް