ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
މާލޭގައި ތަކުރާރުކޮށް އާންމުންނަށް ގޯނާކޮށް އުނދަގޫތައް ކުރަމުންދާ ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް މިއަދު ދީފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަހްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނެރުނު 15 ދުވަހުގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ މީހަކަށް ބިރުދައްކައި، މުދަލަށް ގެއްލުންދިން ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ބަންދު ލޮގެއް އޮތް ފަރާތެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ފައިރިޝް ހައްޔަރުކޮށްފައި ވަނީ، އޭނާގެ ފަރާތުން ލިބޭ ގޯނާތަކާއި އުނދަގޫތަކުގެ ސަބަބުން އާއިލާއަށާއި އަވަށްޓެރިންނަށް ކެތްނުކުރެވިގެން، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބެންދެން ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި ވަނިކޮށެވެ. ނަމަވެސް ސަޢީދުގެ ހަޅުތާލު މިހާރުވަނީ ނިންމާލާފައެވެ.

ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ މީހުންނަށާއި، އެ ސަރަހައްދުގެ އާއިލާތަކަށް އޭނާ ތަފާތު އެކި ގޮތްގޮތުން އުނދަގޫ ކުރަމުންދިޔަ މައްސަލަ ފުލުހުންނަށާއި ކަމާގުޅުންހުރި އިދާރާތަކަށް އެތައް ފަހަރަކު ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް އެކަމަށް އެދެވޭ ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް