އީގަލް ހިލްސްގެ ބާނީ (ކ)
އީގަލް ހިލްސްގެ ބާނީ (ކ)
ރަސްމާލޭގައި އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމުގެ އެއްވެސް މުއާމަލާތެއްގައި، ކުލީގެ މުއްދަތު އޮޓޮމެޓިކުން އައުވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ދެއްވި ރަސްމީ ޖަވާބުގައެވެ.

ހައުސިން މިނިސްޓްރީގެ ޖަވާބުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއަކީ އެ މަޝްރޫއު ކުރިއަށް ގެންދާ ޔޫއޭއީގެ އީގަލް ހިލްސް އިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލްއެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް އިންޓަނޭޝަނަލް ޕްރޮޕަޓީސްއާއެކު މިހާރު ވެވިފައިވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓުކޮށް ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވޯކް ހިމެނޭ "ކޮމާޝަލް ޓާމްސް" އެއްބަސްވުމެއް ކަމަށާއި، ބިން ކުއްޔަށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެ ބިމުގެ ޕްރިމިއަމްގެ ގޮތުގައި އީގަލް ހިލްސްގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށާއި ބިމުގެ ލީސް ނުވަތަ ޕްރިމިއަމްގެ ގޮތުގައި ދައުލަތަށް 3 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ޕްރޮޕަޓީގެ އަގު މާކެޓުގައި އުފުލޭއިރު މި އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށާއި އޭގެ ތެރެއިން 500 މިލިއަން ޑޮލަރު ހައުސިން މަޝްރޫއަށް ހަރަދު ކުރަން ކޮމާޝަލް ޓާމްސްގައި އެއްބަސްވެފައިވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

މީގެއިތުރުން، އެ މަޝްރޫއުގެ ދަށުން އެއްވެސް ތަނެއް އޮޓޮމެޓިކުން ކުލީގެ މުއްދަތު އާވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ކުރުމުގެ ހުއްދަ ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއްވެސް ތަނެއް ކުއްޔަށް ދޫކުރާނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ޔަގީންކޮށްދީފައެވެ.

މަޝްރޫޢުގެ ޑިވެލޮޕަރ ހުރިހާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަންވާނީ އޮންޝޯކޮށް ރާއްޖޭގައި ގާއިމްކޮށްފައިވާ، އެމްއެމްއޭން ލައިސަންސް ދީފައިވާ ބޭންކެއް މެދުވެރިކޮށް ކަމަށާއި، އޭގެ ސަބަބުން އެ ކުންފުނިން ދިވެހި ފައިސާއިން އަގު ދައްކާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާނީ ރާއްޖޭގެ ބޭންކަކަށް ބޭރު ފައިސާ މާރު ކުރުމަށް ފަހު ކަމަށް ސިޓީގައިވެއެވެ.

ހަމައެއާއެކު ރަސްމާލޭން ޕްރޮޕަޓީ ގަންނަ މީހުން އޮފްޕްލޭންކޮށް އީގަލް ހިލްސްގެ އަތުން ގަންނަ ޔުނިޓުތަކަށް ފައިސާ ދެއްކުމަށް ފުރަތަމަ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ގާއިމްކޮށްފައިވާ، އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، އެ ފައިސާ ޑިވެލޮޕަރަށް ދޫކުރާނީ ޕްރޮޖެކްޓު ކުރިއަށްދާ ނިސްބަތަށް ބެލުމަށް ފަހު ކަމަށް އެޖަވާބުގައިވެއެވެ. އަދި ސެކަންޑްރީ މާކެޓުގައި ވިއްކާ ޔުނިޓުތައް ގަނެވިއްކުމުގެ މުއާމަލާތް ހިންގަން ވާނީ ރާއްޖޭގައި ހިންގާ، އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ބޭންކެއް މެދުވެރިކޮށް ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެކި ބޭނުންތަކަށް ދައުލަތުގެ ބިމާއި ފަޅު ކުއްޔަށް ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިނގަމުން އަންނަ އާންމު އުސޫލެއްކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، މައިގަނޑު އެއްބަސްވުމުގައި ސޮއިކުރާނީ ވެސް ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މި މަޝްރޫއު ހިންގަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށް ވެސް މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު، "އަހާ" ފޯރަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރުން ރިއަލްއެސްޓޭޓް ގާނޫނެއް ހަދަން މަސައްކަތް ކުރަމުންދަނީ، ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބޮޑު މަޝްރޫއަށް ޚާއްސަކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަން ބަލާއިރު ރާއްޖޭގައި މިހާރު މިއޮތް ގާނޫނީ ޕްރޭމްވޯކްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އުޝާމް އެފަދައިން ވިދާޅުވިއިރު ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް