ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ކަމަށް ސާބިތުވި އަންހެނަކަށް، އާންމުންގެ ކުރިމަތީގައި ދުރައިން ތެޅުން
ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ކަމަށް ސާބިތުވި އަންހެނަކަށް، އާންމުންގެ ކުރިމަތީގައި ދުރައިން ތެޅުން
އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސްގައި، ޒިނޭގެ ކުށް ސާބިތުވި އަންހެނެއްގެ ގަޔަށް އާންމުންގެ ކުރިމަތީގައި ދުރައިން ތަޅައި ޙައްދު ޖަހަމުން ދަނިކޮށް، އޭނާ ހޭނެތިގެން ސްޓޭޖް މައްޗަށް ވެއްޓިއްޖެއެވެ.

ބަންޑާ އާޗޭގައި މި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އެ އަންހެންމީހާ އަނބުރައިގަނެގެން ވެއްޓުމާއެކު، އެ ސަރަހައްދުގައި ތިބި ސިއްޙީ އެހީތެރިންނާއި އޮފިޝަލުން ވަނީ ވަގުތުން އޭނާއަށް ފަރުވާ ދިނުމަށް އެހީތެރިވެދީފައެވެ. އާޗޭގެ އިސްލާމީ ޤާނޫނު ބަޔާންކުރާ ގޮތުން ކައިވެނީގެ ބޭރުން ގުޅުން ހިންގާ ފަރާތްތަކަށް 100 އެތިފަހަރުގެ ދުރައިގެ އަދަބެއް ކަނޑައެޅެއެވެ.

އިތުރު މީހުންނަށްވެސް ޝަރީޢަތުގެ ހުކުމް ތަންފީޒުކޮށްފި

މި ހާދިސާގައި އެ އަންހެންމީހާގެ އިތުރުން، އެ މައްސަލައިގައި ކުށް ސާބިތުވި ފިރިހެންމީހާގެ ގަޔަށްވެސް ވަނީ ދުރައިން ތަޅައި އަދަބު ދީފައެވެ. ލިބުނު ތަދުގެ ސަބަބުން އޭނާ ވަނީ ސްޓޭޖް މައްޗަށް ކަކޫ މައްޗަށް ތިރިވެފައެވެ. މި ދެމީހުންނަކީ އިސްލާމީ ޝަރީޢަތާ ޚިލާފުވެގެން ބަންޑާ އާޗޭގެ ޝަރްޢީ ކޯޓުން 100 އެތިފަހަރާ ހަމައަށް ދުރައިން ތެޅުމަށް ހުކުމްކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ. މި އަދަބުތައް ތަންފީޒުކޮށްފައިވަނީ އާންމުން އެއްވެ ތިބި މައިދާނެއްގައި ތައްޔާރުކުރެވުނު ޚާއްޞަ ސްޓޭޖެއްގައެވެ.

މޫނު ނިވާކޮށްގެން ތިބޭ އޮފިޝަލުން ވިލު ތަގުޅިން އަދަބު ތަންފީޒުކުރަމުން ދިޔައިރު، އެއްވެފައިވާ އާންމުން ވަނީ މޯބައިލް ފޯނުތަކުން އެ މަންޒަރުތައް ރެކޯޑުކޮށްފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދަނީ އާންމުންގެ ކުރިމަތީގައި ދުރައިން ތެޅުމުގެ މި އުސޫލާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާޗޭގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުން

އާޗޭއަކީ އިންޑޮނޭޝިއާގެ ސަރަހައްދުތަކުގެ ތެރެއިން ޝަރުޢީ ޤާނޫނުތައް ރަސްމީކޮށް ތަންފީޒުކުރާ ހަމައެކަނި ޕްރޮވިންސެވެ. މި ސަރަހައްދުގައި ޒިނޭކުރުމުގެ އިތުރުން ޖޫމާ ކުޅުމާއި، ބަނގުރާ ބުއިމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ކައިވެނިނުކޮށް އެކަހެރިކޮށް ބައްދަލުވުން ފަދަ ޝަރުޢީ މިންގަނޑުތަކާ ޚިލާފު އަމަލުތަކަށްވެސް ދުރައިން ތެޅުމުގެ ޝަރުޢީ އަދަބު ދެވެއެވެ.

އާޗޭގެ ސަރުކާރުގެ މަސްއޫލުވެރިން މި އަދަބުތައް ދިފާއުކުރައްވަމުން ވިދާޅުވަނީ، މިއީ މުޖުތަމަޢުގައި ކުށްތައް ހުއްޓުވުމަށާއި، އިސްލާމީ ރިވެތި އުސޫލުތަކާއި ސަގާފަތް ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު