ފަސިންޖަރުން އެއާޕޯޓުގައި ތާށިވެފައި
ފަސިންޖަރުން އެއާޕޯޓުގައި ތާށިވެފައި
އިންޑޮނޭޝިއާގެ މަޝްހޫރު އަލިފާން ފަރުބަދައެއް ކަމަށްވާ "އަނަކް ކްރަކަޓާއު" ގޮވައި ވައިގެ ތެރެއަށް އަޅިތައް ބޭރުވުމުގެ ސަބަބުން، އެ ގައުމުގެ ހަ އެއާޕޯޓެއްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި 150،000 އަށް ވުރެ ގިނަ ފަސިންޖަރުން ތާށިވެއްޖެއެވެ.

އަލިފާން ފަރުބަދައިގެ އަޅީގެ އަސަރު ވައިގެ ސަރަހައްދަށް ފެތުރުމާ ގުޅިގެން، އާދީއްތަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ ބަންދުކުރީ ވެރިރަށް ޖަކާޓާގެ ސުކާނޯ-ހައްތާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވީ މިހާތަނަށް 467 ފްލައިޓަކަށް މިކަމުގެ އަސަރުކޮށްފައިވާ ކަމަށާއި، ބައެއް ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވަރޓް ކުރުމަށް އެއާލައިންތަކުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އިތުރު އެއާޕޯޓްތައް ބަންދުކުރަން ޖެހުނީ ވެސްޓް ޖާވާ ސަރަހައްދަށް އަޅި ފެތުރެމުންދާކަން ޓެސްޓުތަކުން ދެއްކުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސިންގަޕޫރަށް ކުރާ ދަތުރުތަކުގެ އިތުރުން ދޯހާ، ސިޑްނީ އަދި ކުއާލަލަމްޕޫރު ފަދަ ބައިނަލްއަގުވާމީ މަންޒިލްތަކުގެ ދަތުރުތަކަށް ވެސް ބޮޑެތި ބުރޫއެރުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، ދަތުރުތައް ކެންސަލްވި ފަސިންޖަރުންނަށް ފައިސާ އަނބުރާ ދިނުމުގެ ކަންކަން އަވަސްކުރުމަށާއި، އެއާޕޯޓުތައް ތޮއްޖެހުނަ ނުދިނުމަށްޓަކައި ދަތުރުވެރިންނަށް ވަގުތުން މައުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ އެއާލައިންތަކަށް އިލްތިމާސްކުރައްވާފައެވެ.

އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ ގޮވަން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި ހަރަކާތްތަކާ އެކު ބިންހެލުންތަކާއި، އަލިފާނުގެ އަސަރުތަކުގެ އިތުރުން ގަދަފަދަ އަޑުފައްގަނޑުތައް މުޅި ސަރަހައްދަށް އިވެމުންދިޔައެވެ. އަދި އާދީއްތަ ދުވަހުގެ ފަތިހު ވެސް އިތުރު ދެ ގޮވުމެއް ގޮވާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާ (ބީއެމްކޭޖީ) އިން ބުނި ގޮތުގައި، އަލިފާން ފަރުބަދައިގެ އިރުމަތިން ޖާވާ ސަރަހައްދުގެ ވައިގެ ތެރެއަށް 20،000 ފޫޓު (6،000 މީޓަރު) އުސްމިނަށް އަދި ހުޅަނގުން ސުމަޓްރާ ސަރަހައްދަށް 50،000 ފޫޓު (15،000 މީޓަރު) އުސްމިނަށް އަޅިތައް ވަނީ އަރައިގެން ގޮސްފައެވެ. ނަމަވެސް، ޖާވާ އަދި ސުމަޓްރާ ދެމެދު އޮންނަ ސުންޑާ ކަނޑުއޮޅީގައި އޮންނަ މި އަލިފާން ފަރުބަދައިގެ ހަރަކާތްތަކާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީން ވަނީ ނޭވާލާ ނިޒާމަށާއި، ލޮލަށާއި ހަމަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށާއި މާސްކު އެޅުމަށް އަންގާފައެވެ. ލޯ ހިރުވުމުގެ ސަބަބުން ހޮނިހިރު ދުވަހު ބައެއް ސްކޫލުތައް ބަންދުކޮށްފައިވާއިރު، މަސްވެރިން ވެސް ވަނީ މަހަށް ދިއުން ހުއްޓާލާފައެވެ. އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ އަލްދީ ޗަންދުރާ ބުނި ގޮތުގައި، ލޮލަށް ވެލި އެޅިފައި ހުންނަ ފަދަ އިހުސާސެއް ކުރެވޭތީ އައިޑްރޮޕްސް ބޭނުންކުރަން ޖެހިފައިވާ ކަމަށާއި، ގޭގެ ގޯތިތެރެއަށް ފައިބާ އަޅި ގިނަކަމުން ކޮންމެ ފަސް މިނެޓަކުން ކުނިކަހަން ޖެހޭ ކަމަށެވެ.

"ކްރަކަޓޯއާގެ ދަރި" ގެ މާނަ ދޭހަވާ އަނަކް ކްރަކަޓާއު އަކީ 1883 ވަނަ އަހަރު މައުންޓް ކްރަކަޓޯއާ ގޮވުމަށްފަހު އުފެދުނު ވަޅުގަނޑުގެ ތެރެއިން، ވޭތުވެދިޔަ ގަރުނުގެ ކުރީކޮޅު ކަނޑުގެ އަޑިން އަލުން އުފެދުނު ފަރުބަދައެކެވެ. މިއީ ދޭތެރެ ދޭތެރެއިން ގޮވާ ފަރުބަދައެކެވެ. ޑިސެމްބަރު 2018 ގައި މި ފަރުބަދަ ގޮވައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އުފެދުނު ބޮޑު ސުނާމީގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ. ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، އެފަހަރު ކަނޑަށް ވެއްޓުނު ބައެއް ބޮޑެތި ހިލަތަކުގެ އުސްމިނުގައި 70 އާއި 90 މީޓަރު ހުއްޓެވެ.

އިންޑޮނޭޝިއާ އޮންނަނީ ދެކުނު އެމެރިކާގެ ދެކުނު ކޮޅުން ފެށިގެން ނިއުޒީލެންޑާ ހަމައަށް 40،000 ކިލޯމީޓަރު (25،000 މޭލު) އަށް ފެތުރިފައިވާ ޕެސިފިކް "ރިންގް އޮފް ފަޔާ" ސަރަހައްދުގައެވެ. ދުނިޔޭގެ ބިންހެލުންތަކުގެ 90 އިންސައްތަ ހިނގަނީ އަދި ދުނިޔޭގައި ހުރި ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ 75 އިންސައްތަ (452 އަލިފާން ފަރުބަދަ) ހިމެނެނީ ވެސް މި ސަރަހައްދުގައެވެ.



ކިޔުންތެރިންގެ ހިޔާލު