ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަފީފް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަފީފް
މިސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ނަމަވެސް އަފީފް މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ. އަފީފްގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހުއެވެ. އޭނާ މަޤާމުން ވަކިކުރީ މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުން ސަރުކާރު ބަލިވުމުން ގެނައި ބަދަލުތަކުގެ ތެރޭގައެވެ.

މުހައްމަދު އަފީފަކީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އަދި ދައުލަތުގެ ތަފާތު އެކި މަގާމުތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އަފީފް ވަކިކޮށްފައި މިވަނީ ފެނަކަ އުވާލުމުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. ނަމަވެސް އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް މިހާތަނަށް ނިމިފައެއް ނުވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ފެނަކައިގައި 8000 އަށްވުރެ ގިނަ މުވައްޒަފުން ތިބިކަން މީގެ ކުރިން އަފީފް ވަނީ ހާމަކުރަށްވާފައެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހުޅުވާލިއެވެ. އެ ފުރުސަތުގައި ޕެކޭޖާއެކު ޖުމުލަ 107 މުވައްޒަފަކު ވަނީ އަމިއްލައަށް އެދިގެން ކުންފުނިން ވަކިވެފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ އަތޮޅުތެރޭގެ ރަށްރަށަށް ކަރަންޓާއި، ފެނާއި، އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2012 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ހިއްސާވާ މައިގަނޑު އެއް ކުންފުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް