ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ސިޔާސީ ވަފާތެރިކަމަކީ ޤައުމީ މަޞްލަޙަތު ޤުރުބާންކޮށްފައި އޮންނަންޖެހޭނެ އެއްޗެއް ނޫން ކަމަށާއި، މިހާރު ސިޔާސީ ގޮތުން ހުންނެވި ފިކުރާމެދު ކުރިއަށްވުރެ ބޮޑަށް އިތުބާރު ލިބިވަޑައިގެންފި ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޒަރިޔަންދު ވަނީ، ދާދިފަހުން ރައީސް ނަޝީދު ރާއްޖޭގެ އޮންލައިން ނޫހަކަށް ލިޔުއްވާފައިވާ ލިޔުމެއް ޝާއިޢުކުރެވުނު ވަގުތުގެ އިތުރުން، އެ ލިޔުމުގައި ހިމެނޭ ތާރީޚީ ބޮޑެތި ކުށްތަކަށް ބަލާއިރު ވަރަށް ގިނަ ކަންކަން ސާފުވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ޚާއްޞަކޮށް 1830 ގެ އަހަރުތަކުން ފެށިގެން 1950 ގެ އަހަރުތަކާ ދެމެދު ދިވެހިރާއްޖެއަށް ކުރިމަތިވި ބޮޑެތި އިޤްތިޞާދީ ދަތިތަކާއި ލިބުނު ގެއްލުންތައް އެ ލިޔުމުގައި ބަލައިގެންފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތާރީޚީ ޙަޤީޤަތްތަކަށް ބެލުމެއްނެތި ކަންކަން ހާމަކުރަމުންދާ ދަނޑިވަޅެއްގައި، މިއަދު ސިޔާސީ ގޮތުން އޭނާ ހުންނެވި ފިކުރާއި ވިސްނުމާމެދު ކުރިއަށްވުރެ ބޮޑަށް ޔަޤީންކަމާއި އިތުބާރު ލިބިވަޑައިގެންފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދުގެ މި ވާހަކަކޮޅު ނިންމަވާލައްވަމުން އެންމެ ބޮޑަށް ބާރުއަޅުއްވާފައިވަނީ ޤައުމީ މަޞްލަޙަތަށެވެ. އެގޮތުން، ކޮންމެ މީހަކު ކޮންމެ ސިޔާސީ ފިކުރެއް ޚިޔާރުކުރި ކަމުގައިވިޔަސް، ސިޔާސީ ވަފާތެރިކަން ދައްކަންވާނީ ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ނަގާލައި ޤުރުބާންކޮށްގެން ނޫންކަން އޭނާގެ މެސެޖުގައި ވަނީ ހަނދާންކޮށްދީފައެވެ.

ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވަނީ، ދިވެހި ބިމަކީ ހަމައެކަނި ދިވެހިންނަށް ޚާއްޞަ ތަނެއް ކަމަށާއި، ބޭރު މީހުންނާ އެކު އުޅުމުން ދީނާއި ސަގާފަތް ގެއްލިދާނެ ކަމަށް ބުނެ ފަތުރާ ވިސްނުމަކީ ޙަޤީޤަތާ ޚިލާފު، އަދި ބައެއް ވެރިން އަމިއްލަ ބާރު ދެމެހެއްޓުމަށް އުފައްދާފައިވާ ބިރެއް ކަމަށެވެ. އަދި އިސްލާމްދީނަކީ އެކަހެރިވުމަށް ގޮވާލާ ދީނެއް ނޫން ކަމަށްވާއިރު، ތާރީޚަށް ބަލާއިރު ވެސް ދިވެހިރާއްޖޭގެ އާބާދީ ބިނާވެ، ޤައުމު ތަރައްޤީވެފައިވަނީ އެކި ޤައުމުތަކުން އައިސް ވަޒަންވެރިވި މީހުންނާއި އެމީހުންގެ މަސައްކަތްތެރިކަމުގެ ޙިއްޞާއާ އެކުގައި ކަމަށް ރައީސް ނަޝީދުގެ ލިޔުއްވުމުގައިވެއެވެ.

އޭގެއިތުރުން ރާއްޖޭގެ ޤައުމީ އަބްޠާލުންނާއި ރަސްރަސްކަލުންގެ ނަސަބު ވެސް ބޭރު މީހުންނާ ގުޅިފައިވާއިރު، ބޭރު މީހުން ބާކީކުރުމުގެ ބަދަލުގައި، ސިންގަޕޫރު ފަދައިން އެފަދަ ފަރާތްތަކުގެ ބޭނުން ހިފައިފިނަމަ ރާއްޖެއަށް މާ ބޮޑު ތަނަވަސްކަމެއް ލިބޭނެ ކަމަށާއި، ފަތުރުވެރިކަމުން ލިބޭ ކުރިއެރުން ވެސް ގުޅިފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކާ ކަމަށްވާތީ، ކުރިމަގުގައި ވެސް ޤައުމަށް ތަރައްޤީއާއި ތަނަވަސްކަން ހޯދޭނީ ބޯދާ ވިސްނުންތައް ދޫކޮށް، ބޭރު މީހުންނާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް