ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
\މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަމާ ގުޅިގެން ޓްރެފިކް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. މި ހުށަހެޅުއްވުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އަދި ފޭދޫ ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވަނީ ތާޢީދު ކުރައްވާފައެވެ. އަދި މި މައްސަލައިގައި ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

ޓްރެފިކް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު،\ ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހާއްސަ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވެފައިވަނީ މަދު ބައެއްގެ ސަބަބުން ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށްޓަކައި އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި ތަންފީޒުކުރުމަށް ފުލުހުންގެ ކަމާބެހޭ ހުރިހާ ބަހާތަކަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޖުޑިޝަރީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް