ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރަމުންދިޔަ ތިން ބިދޭސީން
ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރަމުންދިޔަ ތިން ބިދޭސީން
ދިވެހިރާއްޖޭގައި ހުއްދަނެތި އަދި ބޮޑުއަގުގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން ރައްޔިތަކު ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި މީހުން ހޯދައި އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަކޮށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެއީ އާމިރު ޙުސައިން، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ. މި އެންމެންވެސް އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ މައްސަލައިގެ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައެވެ. އެގޮތުން، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯސްއާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެއެވެ.

ފުލުހުން ވަނީ މިފަދަ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް