ފޮޓޯ:މިފްކޯ
ފޮޓޯ:މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދު ބަދަލު ގެނެސް، ތިން ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް ގެނައި މި ބަދަލާއެކު، ކިރުވާ މަހުގެ މިންވަރަށް ބަލައި އަގުތައް ވަނީ ތަފާތުކޮށްފައެވެ. އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް ގަންނަނީ 21.00 ރުފިޔާއަށެވެ. 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް ގަންނަނީ 22.00 ރުފިޔާއަށެވެ. 8 ޓަނަށްވުރެ އިތުރަށް މަސް ކިރުވާނަމަ ކިލޯއަކަށް 22.75 ރުފިޔާ ލިބޭނެއެވެ.

މި އައު ރޭޓުތަކުގައި މިއަދު މިފްކޯގެ އެކި ސެންޓަރުތަކާއި ބޯޓުފަހަރުން ދަނީ މަސް ގަންނަމުންނެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ ބަނދަރު، ޅ. ފެލިވަރު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރު ހިމެނެއެވެ.

މިފްކޯއިން ބުނީ މިއީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ ހަމަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން މިފްކޯގެ މެނޭޖްމަންޓުން ވަނީ ދީފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މަސްވެރިން ބާނާ މަހަށް އެންމެ ފައިދާހުރި އަދި އެންމެ މަތީ އަގެއް ހޯދައިދިނުމަކީ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށްވެސް މިފްކޯއިން ހާމަކޮށްފައިވެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މަހުގެ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، ވެލިއު އެޑްކޮށްގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރުމާއި، ކޯލްޑް ސްޓޯރޭޖްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މަސްވެރިކަން ދަށްވާ ދުވަސްވަރުވެސް ރަނގަޅު ފެންވަރެއްގައި ރައްކާކުރެވިފައިވާ ދިވެހި މަހުގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ދުނިޔޭގެ ބާޒާރަށް ނެރެވި، މަސްވެރިންނަށާއި ޤައުމަށް ލިބޭ މަންފާ ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް