ފުލުހުންނާއި ވެމްކޯގެ އިސްވެރިން ބޭއްްވި މަޝްވަރާ ބައްދަލުވުން
ފުލުހުންނާއި ވެމްކޯގެ އިސްވެރިން ބޭއްްވި މަޝްވަރާ ބައްދަލުވުން
މާލެ ސަރަހައްދުގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްގެންނާއި އެކި މައްސަލަތަކުގައި ފުލުހުން ޓޯކޮށްފައިވާ އުޅަނދުތައް ރައްކާތެރިކަމާއެކު ނައްތާލުމަށްޓަކައި، ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މުހިންމު މަޝްވަރާތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ބާއްވައިފިއެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި ބޭއްވުނު މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އަދި އެ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓޯޔާޑުތަކުގައި ފުނިޖެހިފައިވާ އުޅަނދުތައް ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި އުސޫލަކުން ނައްތާލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާއި ގިނަ ދުވަސްވެ ވެރިފަރާތުން ހަވާލުނުވެ ހުންނަ އުޅަނދުތައް ނައްތާލުމުގެ މަރުހަލާތައް އަވަސްކޮށް، ހަރުދަނާ އުސޫލެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ މަތީ ފަންތީގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން މާލެ ޕޮލިސްގެ ހެޑް ސީއެސްޕީ ޙުސައިން ސަމީރު އަދި ހުޅުމާލެ ޕޮލިސްގެ ހެޑް އޭސީޕީ ޢާޞިމް ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށްޓަކައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި މަގުތަކަށް ދޫކޮށްލާފައިވާ ބާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރުވެސް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް