އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުހައްމަދު ސައީދު
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 225 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލައި، އެ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާކެޓެއް ހޯދައިދިނުމުގެ މުހިންމު މަޤްޞަދުގައި ސަރުކާރުން އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ.

މައުރަޒުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރީ އަހަރުގެ މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މި އަހަރު އެ އަދަދު 780 އަށް އަރާފައިވާ ކަމަށެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 225 އިންސައްތައިގެ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބައިވެރިންގެ އިތުރުން މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ އަދަދު ވެސް ވަނީ ދެގުނަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 2،400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރުގެ މައުރަޒުން 4،800 އުފެއްދުން ފެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު 10 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތަށް ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 80،000 އަށް ވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން ބައިވެރިންނަށް ލިބުނު ވިޔަފާރީގެ ކުރިއެރުމަކީ މިފަހަރުގެ މައުރަޒަށް މިހާ ބޮޑު ތަރުޙީބެއް ލިބެން މެދުވެރިވި މައިގަނޑު ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ގިނަ އުފެއްދުންތަކަކާއެކު މިފަހަރުގެ މައުރަޒު ވެގެންދާނީ އާންމުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ދަމައިގަންނާނެ ހަރަކާތަކަށެވެ.

މި މަހުގެ 25 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި އެކި ކަހަލަ ޚިދުމަތްތައް ދައްކާލުމަށް ވަނީ ތާވަލުކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް