ހއ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެކްލޯއިން ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ހއ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެކްލޯއިން ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ދިވެހިރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކަށް ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަސައްކަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މި ބަދަލާއެކު، އަތޮޅުގެ އެންމެ އުތުރުގައި އޮތް ހއ. ތުރާކުނުގެ އިންޖީނުގޭގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އިންޖީނުގޭގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

ހއ. އަތޮޅުގެ ރަށްތަކާ ސްޓެލްކޯއިން ހަވާލުވުމަކީ އެ ކުންފުނީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ. މީގެކުރިން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ ކަރަންޓު ޚިދުމަތާ އެ ކުންފުނިން ހަވާލުވެފައިވާއިރު، އުތުރުގެ ރަށްތަކާއެކު މިހާރު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައިވެސް އަސާސީ ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ ސްޓެލްކޯއިންނެވެ.

ހއ. އަތޮޅުގެ ރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ސްޓެލްކޯގެ އިސްވެރިން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތުރާކުނު އިންޖީނުގެއާއި އޮފީހުގެ ހިންގުން ބައްލަވާލެއްވުމުގެ އިތުރުން، އެ އަތޮޅު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ އިންޖީނުގެއާއި ފެން ބަންދުކުރާ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ވަނީ މުރާޖަޢާ ކުރައްވާފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާތަނަށް ދެމުންއައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، އަމާޒަކީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީގެ ހުރިހާ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް