ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެ ޤައުމެއްގެ އަންނަން އޮތް ޖީލަށް ފޯރުކޮށްދެވޭ ތަޢުލީމާއި އިސްލާމީ މާތް އަޚުލާޤުގެ މައްޗަށް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، މިއަދު މި ޤައުމަށް އެންމެ ބޮޑަށް ބޭނުންވަނީ ފެންވަރު ރަނގަޅު ތަޢުލީމާއި ހަރުދަނާ ތަރުބިއްޔަތު ލިބިފައިވާ އަދި އަމިއްލަ ނަފުސަށާއި މުޖުތަމަޢުގެ އެހެން މީހުންނަށް އިޙްތިރާމުކުރާ، އޯގާތެރި ޖީލެއް ކަމަށެވެ. އަދި މިފަދަ ހަރުދަނާ ސިފަތަކެއް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ރިވެތި އާދަތަކަށް އަހުލުވެރި ޖީލެއް ބިނާކުރުމުގައި އެންމެ އިސް އަދި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މުދައްރިސުންނަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޅަފަތުގެ ތަޢުލީމީ މަރުޙަލާގައި ކުދިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި، ދިވެހި ޤައުމިއްޔަތުގެ އަގުތައް އަށަގަންނުވައި، މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ހުރިހާ މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރޭ ބޭއްވުނު މި ރަސްމިއްޔާތުގައި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޓީޗަރުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ވަނީ ހަނދާނީ އިނާމު އަރުވާފައެވެ. މީގެ އިތުރުން، ޓީޗަރުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ޚާއްޞަ އައިޓަމެއް ވެސް މި ހަފުލާގައި ވަނީ ހުށަހަޅައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު