ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
މިއަހަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ވަނީ ލިބިފައެވެ. މިއީ ބޭންކުގެ ދިގު ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މިހާ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މީގެއިތުރުން، ބޭންކުގެ ލިކުއިޑިޓީއަށް ބަލާއިރު ހާއްސަކޮށް ދިވެހި ރުފިޔާގެ ލިކުއިޑިޓީ ވަރަށް ވަރުގަދަކޮށް ދެމެހެއްޓިފައިވާކަން ބޭންކުން ފާހަގަކުރެއެވެ. ބޭންކުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ލިކުއިޑިޓީ ކޮންމެ ދުވަހަކު ޓްރެޜަރީން މޮނިޓަރ ކުރަމުންދާއިރު، އެސެޓް އެންޑް ލަޔަބިލިޓީ ކޮމިޓީއާއި ބޯޑު ރިސްކް ކޮމިޓީން ވެސް އެކަން ގަވާއިދުން ދަނީ މުރާޖައާ ކުރަމުންނެވެ.

މި އިންތިޒާމުތައް ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ ހަރުދަނާ މިންގަނޑުތަކާއި، ކުރިއާލައި ކަންކަން އަންގައިދޭ އިންޑިކޭޓަރތަކުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް އެކުލަވާލާފައިވާ ހަރުދަނާ އޮނިގަނޑެއްގެ ދަށުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ގައުމީ ބޭންކުން ހޯދަމުންދާ މިފަދަ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން، ރާއްޖޭގެ މާލީ ދާއިރާއަށް އިތުރު ހަމަޖެހުމާއި ތަރައްގީ ލިބިގެންދާނެ ކަމަށް އެބޭންކުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު