ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޕާސްޕޯޓު ދޫކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުވެ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްފަދައިން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޕާސްޕޯޓު ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ގެނެވުނު ބަދަލުތަކާއެކު ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށާއި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް އިސްކަންދީގެން މެދުކެނޑުމެއްނެތި ޕާސްޕޯޓު ދޫކުރަމުން އައި ކަމަށެވެ. އަދި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ބޭރުގެ ކުންފުންޏަށް ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"އަންނަ އާދިއްތަ ދުވަހުން ފެށިގެން ނޯމަލް އޮޕަރޭޝަނަށް ބަދަލުވެގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 39 ސެންޓަރުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް ހެއްދުމަށް 28 ދުވަސް، 40 ދުވަސް ނުވަތަ މަސްދުވަސް ވެސް ނަގާ. ނަމަވެސް އަޅުގަނޑުމެން އާދައިގެ ހާލަތަށް ރުޖޫޢަވުމުން 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓު ހަދައި ނިންމައިދޭނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، ޕާސްޕޯޓު ދޫކުރުން މަޑުޖެހިފައި އޮތުމުގެ ސަބަބުން މިހާރު ބެކްލޮގްގައި 2،646 ޕާސްޕޯޓް ރިކުއެސްޓް އޮތްކަމަށް ވިދާޅުވެފައެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 ރިކުއެސްޓް އަންނައިރު، އައު ސްޓޮކް ލިބުމާއެކު މި ބެކްލޮގް ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެއްކޮށް ކްލިއަރ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި އިމިގްރޭޝަންގެ އޮފީސް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށް، ޕްރިންޓިންގ ކެޕޭސިޓީ ވަރުގަދަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޕާސްޕޯޓު ޕްރިންޓު ކުރުމަށް ބޭނުންކުރާ ބުކްލެޓް ލިބުން ދަތިވުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން އޮތީ މެދުކަނޑާލާފައެވެ. އަދި އާ ސްޓޮކެއް ލިބެން މަހެއްހާ ދުވަސް ނަގާނެތީ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިދިޔަ އޮގަސްޓް 27 ގައި އިމިގްރޭޝަނުން ވަނީ މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އެއްވެސް ފީއަކާ ނުލައި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދޭން ފަށާފައެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށް ހަމަވެފައިވާއިރު، އަލަށް ޕާސްޕޯޓް ހަދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް އެއް އަހަރުގެ "އިމަޖެންސީ ޕާސްޕޯޓު" ވެސް އައީ ދޫކުރަމުންނެވެ.

ކުރިއަށް އޮތް ހަފުތާގައި އައު ސްޓޮކާއެކު އާންމު އުސޫލުން ޚިދުމަތް ދޭން ފެށުމުން، ޕާސްޕޯޓް ހެއްދުމުގައި އާންމުންނަށް ކުރިމަތިވި ހުރިހާ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު