ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން ޕާޓީއަށް އެންގުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.

އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރު ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ދެކޭ ގޮތް އާންމު މެންބަރުންނަށް ސާފުވާންޖެހޭ ކަމަށެވެ.

އެހެންކަމުން، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ މުޒާހަރާގައި ބައިވެރިވާނެ ފަރާތްތަކުން އެކަން ޕާޓީގެ ސެކްރެޓޭރިއަޓަށް މެސެޖަކުން އެންގުމަށާއި، އެ ވަގުތު މާލޭގައި ނޫޅުއްވާ ބޭފުޅުން ވެސް އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން ސިޔާސީ މައިދާނުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އެގޮތުން، އެ އެއްބަސްވުމުގެ ޝަރުޠުތަކާއި ޤައުމީ ސިޔާދަތަށް ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ގިނަ މެންބަރުންނާއި އިސް ފަރާތްތަކުން އެ މަޝްރޫޢާ ދެކޮޅުހަދަމުންދާއިރު، ރައީސް ނަޝީދު ވަނީ އެ މަޝްރޫޢަށް ތާއީދުކުރައްވައި ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު އިޤްތިޞާދީ އަދި އިޖުތިމާޢީ މަޝްރޫޢެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް