އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު (ވ) އާއި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ރޮޒޭނާ އާދަމް (ކ)
އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު (ވ) އާއި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ރޮޒޭނާ އާދަމް (ކ)
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫޙުން، ރާއްޖޭގެ އެކި ރަށްރަށުގައި ހަރަކާތްތެރިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، އަންހެނުންގެ ބައިވެރިވުމާއި ލީޑަރޝިޕް އަދި މުޖުތަމަޢުގެ ތަރައްޤީ ކުރިއެރުވުމަށް އެހީތެރިވެދޭ ފަސް އަހަރުގެ ޚާއްޞަ ޕޮލިސީ ފްރޭމްވޯކަކާއި އެކްޝަން ޕްލޭނެއް އިފްތިތާޙުކޮށްފިއެވެ.

"އެމްޕަވަރިންގ ވިމެން، ސްޓްރެންތެނިންގ ކޮމިއުނިޓީސް" ގެ ނަމުގައި އެކުލަވާލާފައިވާ މި ފްރޭމްވޯކުގައި މައިގަނޑު ފަސް ދާއިރާއަކަށް އިސްކަންދީފައިވެއެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުމާއި ލީޑަރޝިޕް އިތުރުކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމާއި، އިޖުތިމާޢީ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ އެއްބާރުލުން ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން ގެވެށި އަނިޔާއާއި މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ޖިންސީ ގޯނާތައް ހުއްޓުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ވެސް މި ޕްލޭނުގައި ހިމެނެއެވެ.

މި ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވަނީ ޑަބްލިއުޑީސީތައް އުފެދި ހަރުދަނާވުމުގައި ލާމަރުކަޒީ ނިޒާމުގެ ދައުރު ފާހަގަކުރަށްވާފައެވެ. އެގޮތުން 2005 ވަނަ އަހަރު ޤާނޫނުއަސާސީ އެކުލަވާލިއިރު، ލާމަރުކަޒީ ވެރިކަމާ ބެހޭ ބާބު ހިމެނުމަށް ކުރެވުނު މަސައްކަތްތައް އެމަނިކުފާނު ހަނދާން އައުކުރެއްވިއެވެ. އަދި މި ބާބު ޤާނޫނުއަސާސީގައި ހިމެނުމަށް އެމްޑީޕީގެ މެންބަރުން ކަމަށްވާ މުޙައްމަދު އަސްލަމާއި ޑރ. ޙުސައިން ރަޝީދު ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރަށްވަމުން، އެއީ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ބިންގާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ތަރައްޤީއަށްޓަކައި އަންހެނުންގެ ބައިވެރިވުން ކޮންމެހެން މުހިންމު ކަމަށާއި، ކަންކަން ނިންމުމުގައާއި މުޖުތަމަޢުގެ މަސައްކަތްތަކުގައި އަންހެނުން ބައިވެރިވުމުން ތަރައްޤީގެ ކަންކަން އިތުރަށް ކާމިޔާބުވާނެ ކަމަށް އެމްޑީޕީން ޤަބޫލުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު، ބައެއް ޙާލަތްތަކުގައި މަސްއޫލިއްޔަތުތައް ފުށުއަރައި ޚިޔާލުތަފާތުވުންތައް އުފެދޭތީ، ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގައި އަންހެނުންގެ ތަމްސީލުވުން އިތުރުކުރުމާމެދު ނުވަތަ ޑަބްލިއުޑީސީތައް ދެމެހެއްޓުމާމެދު ޕާޓީގެ އެތެރޭގައި ތަފާތު ޚިޔާލުތައް ހުރިކަން ފާހަގަކުރައްވައި، އެކަމަށް ޙައްލެއް ހޯދުމަށް ވިސްނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒައިނާ އާދަމް ދެއްކެވި ވާހަކަފުޅުގައި، މި ފްރޭމްވޯކުގައި މައިގަނޑު ގޮންޖެހުންތަކާއި، ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ޕޮލިސީ ފްރޭމްވޯކާއި އެކްޝަން ޕްލޭންގެ ބޭނުމަކީ ޑަބްލިއުޑީސީތަކުން ހަމައެކަނި ދޭތެރެ ދޭތެރެއިން ހިންގާ ހަރަކާތްތަކާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ބަދަލުގައި، އަންހެނުންގެ ދިރިއުޅުމަށް ދެމެހެއްޓެނިވި އަދި ފެންނަން ހުންނާނެ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި، އެމްޑީޕީގެ ގޮފިތަކާއި ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޕާޓީގެ އަސާސީ ޤަވާއިދަށް ގެނެސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ޤައުމީ މަޖިލީހުގައި ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައެޅުމާއި، އަންހެނުންގެ ގޮތްޕަށް 6 ގޮނޑި އަދި ޑަބްލިއުޑީސީ ގޮތްޕަށް 4 ގޮނޑި ޚާއްޞަކުރުން ހިމެނެއެވެ. އަދި ޕާޓީގެ ތިން ނައިބު ރައީސުންގެ ތެރެއިން އެއް މަޤާމު އަންހެނަކަށް ޚާއްޞަކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 368 އަންހެނުން ވާދަކުރާ ކަމަށާއި، އޭގެ ތެރޭގައި ޤައުމީ މަޖިލީހުގެ ގޮނޑިތަކަށް 112 އަންހެނުން ވާދަކުރާކަން ރޮޒައިނާ ހާމަކުރެއްވިއެވެ.

މި ރަސްމިއްޔާތަކީ އަންހެނުންގެ ރޫޙުގެ ރައީސާގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު ރަސްމީ ހަރަކާތްކަން ފާހަގަކުރަށްވައި، ރޮޒައިނާ ވަނީ އެކަމަނާގެ ދައުރުގައި ސްޓިއަރިންގ ކޮމިޓީންނާއި އެހެނިހެން ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި ޑަބްލިއުޑީސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާރިޖީ ދާއިރާގެ ބޭފުޅުންނާއި، އދ. ގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރަށްވައި، މުޖުތަމަޢުގައި އަންހެނުންގެ ބައިވެރިވުމާއި ލީޑަރޝިޕް ވަރުގަދަކުރުމަށް އެ ފަރާތްތަކާއެކު އޮތް ގުޅުން ދެމެހެއްޓުމަށް ރޮޒައިނާ އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު