ބެންކޮކް އެއަރޕޯޓް
ބެންކޮކް އެއަރޕޯޓް
ތައިލެންޑުން ބޭރަށް ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 1,000 ތައި ބާތު (ގާތްގަނޑަކަށް 30 އެމެރިކާ ޑޮލަރު) ނެގުމަށް އެ ގައުމުގެ ފައިނޭންސް މިނިސްޓްރީން ވަނީ ގާނޫނުގެ އޮނިގަނޑެއް އެކުލަވާލައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

ތައިލެންޑުގެ ރެވެނިއު ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، "ޑިޕާޗާ ޓެކްސް" ގެ ނަމުގައި ތައާރަފްކުރާ މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގައުމެއްގެ ރައްޔިތެއްގެ އަތުންނެވެ. މި ގާނޫނުގެ ދަށުން އެންމެ މަތިންވެސް ނެގޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދަކީ 5,000 ބާތެވެ.

ނަމަވެސް ފުރަތަމަ މަރުހަލާގައި ނެގުމަށް ނިންމާފައިވަނީ ވައިގެ މަގުން ފުރާ މީހުންގެ އަތުން 1,000 ބާތެވެ. އެއްގަމާއި ކަނޑުމަގުން ފުރާ މީހުން މި ވަގުތަށް މި ޓެކްސްއިން އިސްތިސްނާވާނެއެވެ.

މި ޓެކްސް ނެގުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކުއްލި މާލީ ދަތިތަކަށް ތައްޔާރުވުމެވެ.

މި ގާނޫނަށް އާންމުންގެ ހިޔާލު ހޯދުމުގެ މުއްދަތު ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 29 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އާ ގާނޫނު ތަންފީޒުކުރަން ފެށުމުން، ޓިކެޓް ނަގާ އިރު އެއާލައިންތަކުންނާއި ޓިކެޓް ވިއްކާ އޭޖެންޓުން މެދުވެރިކޮށް މި ޓެކްސް ނަގާނެއެވެ. މީގެ ކުރިން 1983 ވަނަ އަހަރު ތައިލެންޑުގައި މިފަދަ ޓެކްސެއް ނެގި ނަމަވެސް، 1991 ވަނަ އަހަރުން އޮތީ އެ ޓެކްސް ނެގުން ހުއްޓާލާފައެވެ.

މި ޓެކްސްއިން ބައެއް ފަރާތްތައް އިސްތިސްނާ ކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ތައިލެންޑުގެ ރަސްމީ މެހެމާނުންނާއި، ޑިޕްލޮމޭޓުންގެ އިތުރުން އެހެން ގައުމަކަށް ދާއިރު ތައިލެންޑުގައި ޓްރާންސިޓްވާ ފުރާނެ މީހުން ހިމެނެއެވެ. މީގެ އިތުރުން، އެއާލައިންތަކުގެ ކުރޫއިންގެ އަތުންވެސް މި ޓެކްސްއެއް ނުނަގާނެއެވެ.

ޓެކްސް ނުދައްކައިފިނަމަ ނުވަތަ ޓެކްސްއަށް މަކަރުހަދައިފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލު ގާނޫނަކަށްވެ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ފަހުން މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚަށްފަހު ދަތުރުކުރި ކަމުގައިވިޔަސް މި ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. މި ބިލަކީ އަދި މަޝްވަރާގެ މަރުހަލާގައިވާ ބިލެއް ކަމުން، މިއަށް އަމަލުކުރަން އަދި ރަސްމީކޮށް ފަށާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު