މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ
މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ އައްޑުއަށް އެއްވެސް އުންމީދެއް އޮތް ބަޖެޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ދީދީ ވިދާޅުވީ، މި ސަރުކާރު އައި ފަހުން ހުށަހެޅި ކުރީގެ ބަޖެޓުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓަކީވެސް ބްލޮކް ފިގާތަކެއް ޖަހާފައި އެއްވެސް ތަފުސީލެއް ނެތް ބަޖެޓެއް ކަމަށެވެ.

އަދި މިއީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން އެކުލަވާލާފައިވާ ބަޖެޓަކަށްވާތީ، އޭގެން އުންމީދީ އެއްވެސް މަންޒަރެއް ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، މުޅި ބަޖެޓަކީ މުޅި ރާއްޖެއަށްވެސް ނާއުންމީދީ ބަޖެޓެއް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމާއި، އައްޑޫގެ ހިއްކި ބިންތަކުން ދޫކޮށްފައިވާ ގޯތިތަކުގައި މީހުން އިމާރާތް ކުރަމުންދާ ސަރަޙައްދުތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ އިތުރުން، އެހެން އެއްވެސް މަޝްރޫޢަކާ ގުޅޭ ސާފު ތަފުސީލެއް ބަޖެޓަކު ނެތެވެ.

ހަމައެހެންމެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އައްޑުއަށް ވަޑައިގެން 16 މަޝްރޫޢެއްގައި ސޮއިކުރެއްވި ނަމަވެސް، އެއިން އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދާނެ ގޮތެއް ބަޖެޓުން ފެންނަން ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން، އަމިއްލަ ދާއިރާގައި ކުރަން ހުރި އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނެ މަގެއް ބަޖެޓުން ނުފެންނަ ކަމަށާއި، މި ސަރުކާރަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އައްޑުއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދީދީ އިތުރަށް ވިދާޅުވީ، މި ބަޖެޓަށް ވޯޓު ދިނުމަކީ "ފޫނެއް ފަޔަށް ފެން ފުރުން" ކަހަލަ ކަމެއް ކަމަށެވެ. އެހެންކަމުން، ބަޖެޓު މިހާރު އޮތް ގޮތަށް އެއަށް ވޯޓު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު