ބަޖެޓު ފޮތް
ބަޖެޓު ފޮތް
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނަސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަޖެޓު މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ވެސް މަޖިލީހަށް ބަޖެޓް ފޮނުވާފައިވަނީ އެއްވެސް ބަދަލެއް ނުގެނަސް ސަރުކާރުން ހުށައެޅި ގޮތަށެވެ. ބަޖެޓް ރިޕޯޓަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި 21 އިސްލާހުގެ ތެރެއިން ތަޅުމަށް ހުށަހަޅަން ފުރުސަތު ލިބުނީ ހަތް އިސްލާހެވެ. އޭގެން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

ހަމައެއާއެކު މިނިވަން މުއައްސަސާތަކުން ބަޖެޓާމެދު ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށްވެސް ކޮމިޓީން ޙައްލު ގެނެސްދީފައެއް ނުވެއެވެ. ބަޖެޓް ދިރާސާކުރި ކޮމިޓީގައި ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލްވެސް ވަނީ، ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.

މިއަދު ތަޅުމުގައި ސަރުކާރުން ހުށައެޅިގޮތަށް ބަޖެޓު ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކުއެވެ. އެމްޑީޕީގެ 13 މެންބަރުން ބަޖެޓަށް ވޯޓު ދެއްވާފައި ނުވެއެވެ.

ބަޖެޓް ހުށައެޅި ޖަލްސާގައި މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ފަރުމާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި މިހާރު ފަށާފައިވާ މަސައްކަތްތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމައިލެވޭނެ ގޮތަށް އަމާޒު ހިފައިގެން ކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 64.2 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރަށް ލަފާކޮށްފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެކެވެ.

ބަޖެޓުގެ ތަފުސީލުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ 9.1 ބިލިއަން ރުފިޔާ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ޖުމްލަ ހަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އަންނާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 9.8 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މީގެއިތުރުން ރިކަރަންޓް ހަރަދަށް މި އަހަރު 42.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އެ އަދަދު ހުންނާނީ 42.7 ބިލިއަން ރުފިޔާގައެވެ. އަދި އެހެނިހެން ހޭދައިގެ ގޮތުގައި މި އަހަރު 14.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ ބައި 7.1 ބިލިއަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު