މަރްޔަމް ނަހްދާ ވަޙީދު   5 އޮކްޓޯބަރު 2026 - 12:16
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޤައުމީ ތަރައްޤީގެ އެންމެ މުހިންމު ނާރެހަކީ މުދައްރިސުން ކަމަށާއި، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުންނަށް ހިތްހަމަޖެހުމާއި ފުދުންތެރި މާޙައުލެއް ޤާއިމުކޮށްދޭންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

މި މެސެޖުގައި ޝާހިދު ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ލޮބުވެތި މުދައްރިސުންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހި ޤައުމުގައި ޢިލްމު ފެތުރުއްވުމަށާއި، ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤާއި ސުލޫކު އަށަގެންނެވުމަށާއި، ޤައުމުގެ މުސްތަޤްބަލު އުޖާލާކުރުމަށް މުދައްރިސުން ކުރައްވަމުން ގެންދަވާ ބުރަ އަދި އަގުހުރި މަސައްކަތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ޢިލްމުވެރި، ޚުލްޤު ހެޔޮ އަދި ޤައުމީ ލޯބި ހިތްތަކުގައި އަށަގެންފައިވާ ހަރުދަނާ ޖީލެއް ބިނާކުރެވޭނީ މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު ދީގެންނެވެ. އަދި އެބޭފުޅުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީ، ހިތްހަމަޖެހުމާއި ފުދުންތެރިކަމާއެކު ޚިދުމަތް ކުރެވޭނެ އަމާން މާޙައުލެއް ފަހިކޮށްދިނުމަކީ ޤައުމަށްޓަކައި ކުރެވޭނެ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހާ ގުޅިގެން ސިޔާސީ އިސް ޝަޚްޞިއްޔަތުތަކުން މުދައްރިސުންގެ އަގު ވަޒަންކުރައްވަމުން ގެންދަވާއިރު، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މުދައްރިސުންގެ ދައުރުގެ މުހިންމުކަން އެންމެހައި ފަރާތްތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް