ރައީސް ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
މުދައްރިސުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދީ، ވަޒީފާ އަދާކުރާނެ ރަނގަޅު މާހައުލެއް ފަހިކޮށްދިނުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މިއަދު ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ޖީލުތައް ބިނާކުރުމުގައްޔާއި ދަރިވަރުންގެ ކުރިމަގު އުޖާލާކުރުމަށް މުދައްރިސުން އަދާކުރައްވާ މުހިންމު ދައުރާއި، އެ ބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރައްވާފައިވެއެވެ. އަދި ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ އެއްގޮތަށް ޒުވާން ޖީލުތަކަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތާއި ވަމުންދާ މަތިވެރި ޤުރުބާނީ ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ރައީސް އިޚްލާޞްތެރި ޝުކުރެއް އަދާކުރެއްވިއެވެ.

މީގެއިތުރުން، އެދެވޭ ގޮތެއްގައި މުދައްރިސުންނަށް ޚިދުމަތް ދެވޭނީ އެކަށީގެންވާ ވަސީލަތްތަކާއި އެހީތެރިކަން ލިބިގެންކަން ފާހަގަކުރައްވަމުން، ޓީޗަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މުދައްރިސުންނަށް އެއްބާރުލުން ދީ ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ ބިންގާ ވަރުގަދަކުރުން ކަމަށެވެ. އެހެންކަމުން، މުދައްރިސުންގެ އަގުވަޒަންކޮށް، ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރާއި ޤާބިލުކަން އެންމެ ފުރިހަމައަށް ބޭރުކޮށްދެވޭނެ ފަދަ ވަރުގަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން އެކުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް