ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 އާ ގުޅިގެން އާންމު ރައްޔިތުންގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަރާތްތަކަކީ ރިސޯޓް ތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނޭ ބުނުމަކީ އެހެން ފަރާތްތަކަށް ވެވޭ ބޭއިންސާފަކަށް ނުވާނެއެވެ. ރާއްޖޭގެ ބޯޑަރ ބަންދުކުރުމުން، ފަތުރުވެރިން އައުން ހުއްޓުމާއެކު ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަންސް ހުއްޓި ގިނަ ދިވެހިންގެ ވަޒީފާ ގެއްލުނެވެ. އެތައް ބައެއްގެ މުސާރަތައް އެތައް ގުނައެއް ކުޑަކުރިއެވެ. ހަމަ އެހެންމެ އެންމެ ބޭނުން ޖެހުނު ދުވަހު، ބައެއް ރިސޯޓް ތަކުގެ ވެރިން މުވައްޒިފުންނާމެދު ކަންކުރީ ވަރަށް ނިކަމެތިކޮށެވެ. ބޯ އޮތްތާ ނަގޫ ޖަހާފައި އެވެރިން އެ ވަތް ތާކަށް ވަދެ ފިލީއެވެ. ގިނަ ވެރިން ކަންކުރީ މި ބީދައިންނެވެ.

އެހިސާބުން ރިސޯޓް މުވައްޒަފުންގެ ބަލަދު އެރީ ދިވެހި ހުރިހާ ރައްޔިތުންގެ ބެލެނިވެރިޔާ ކަމަށްވާ ދިވެހި ސަރުކާރަށެވެ. ގާނޫނީ ބަލަދު ވެރިޔާ، ގައުމުގެ ވަލިއްޔުލް އަމުރަށެވެ. އެތައް ހާސް ދިވެހި ރައްޔިތުން ޙާލުގައި ޖެހުމުން ސަރުކާރުން އެއްވެސް ޙާލެއްގައި އެ ރައްޔިތުން މަގުމަތިވާން ދޫކޮށެއް ނުލިއެވެ. ދަޢުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން ކޯވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރު ފޯރި މުވައްޒަފުންނަށް 5000 ރުފިޔާގެ އެލަވަންސެއް މަހަކު ދެއްވަން ފެށްޓެވިއެވެ. ރައީސް ޞާލިޙްގެ ޙިކުމަތު ޢަމަލީގައި އިޤްތިޞާދީ ވަޒީރާއި، މާލީ ވަޒީރުގެ ދުރުވިސްނުމާއެކު ހަމަ އެންމެ ރައްޔިތަކުމެ ބާކީ ނުކޮށް ސަރުކާރުން ވަޒީފާ ގެއްލުނު މުއައްޒަފުންނަށް ހަމައިސްކޮޅަށް ދެމިލާނޭ ކިތަންމެ މަގެއް ދެއްކިއެވެ.

ސަރުކާރުން ކަންބޮޑުވީ ހަމައެކަނި "ރިސޯޓް ބޯއީސް"އަށް ގޮތް ހުސްވާތީއަކީއެއް ނޫނެވެ. ރައީސް ޞާލިޙް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވިދާޅުވަމުން ގެންދެވީ ރިސޯޓް އޯނަރުންނަށް ވެސް ސަރުކާރުން ދެވެން އޮތް ލުޔެއްދީ ދެވެން އޮތް ވަރަކުން މާލީ އެހީތެރިކަން ވެސް ދޭނެ ކަމަށެވެ. އެމަނިކުފާނު މިއަދާއި ހަމައަށްވެސް އެހުންނެވީ މި ވަޢުދު ވެސް ރަނުން ރަނަށް ފުއްދެވުމުގައެވެ. ރިސޯޓް އޯނަރުންނަށް ލުއި ލޯނު އެކަނި ލިބޭނެ މަގު ތަނަވަސްކޮށްދީފައި ހުއްޓާލީއަކީ ނޫނެވެ. ރިސޯޓްތަކު ވެރިން ސަރުކާރަށް ދައްކަން ޖެހޭ ކުލިތަކާއި ފީތައް ދެއްކުމަށް ވެސް ލުއި ދިނީއެވެ. މި އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުޑަ އޯނަރެއް ބޮޑު އޯނަރެއް ތަފާތެއް ނުކުރައްވައެވެ. އާމްދަނީ ހުއްޓިފައިވާ މަސްތަކުގައި ތަނުގެ ހިންގުމުގެ ޚަރަދާއި މުވައްޒަފުންނަށް ކޮންވެސް ވަރަކަށް މުސާރަ ދެވޭ ވަރު ސަރުކާރުން ކޮށްދެއްވިއެވެ. މީގެ އެއް ބޭނުމަނީ މުވައްޒަފުންނަށް ކޮންމެވެސް ވަރެއްގެ މުސާރައެއް ލިބޭގޮތަށް އެމީހުން ވަޒީފާގައި ބައިތިއްބައި ދިނުމެވެ. ނަމަވެސް ސަރުކާރުގެ އަދި ރައީސުލްޖުމްހޫރިއްޔާގެ މި އެދުމާއި އެއްގޮތަށް މަސައްކަތް ކޮށްދިނީ މަދު އޯނަރެކެވެ.

އެވާހަކަ ބާއްވާށެވެ. ކޯވިޑް-19 ގެ ޢާލަމީ ވަބާގެ ރޯޅި ކުޑައިކޮށް މަޑުވެލައި، ދުނިޔޭގެ އިޤްތިޞާދުގެ ވައި ފައްސިއަށް ޖެހެން ފަށައިފިއެވެ. ރާއްޖޭގެ ބޯޑަރުވެސް ހުޅުވައި ރިސޯޓްތައް ހުޅުވުމުގެ ހުއްދަވެސް ދީފިއެވެ. ނަމަވެސް އެކަމުގައިވެސް ބައެއް ރިސޯޓްތަކުން ފެންނަނީ ފަހަތުފަޔަށް ބުރަވަމުންދާ ތަނެވެ. ވަޒީފާއިން ވަކިކޮށް ރަށަށްފޮނުވާލި މުވައްޒަފުން ހަމަ ތިބިގޮތަށް ތިބީއެވެ. ސަރުކާރުން މުވައްޒަފުންނަށް އެލަވަންސެއް ދޭތީ އެމީހުން ވަޒީފާއަށް ނެރުމަށް ރިސޯޓްތަކުން ބޭނުން ނުވަނީ ވެސް ކަންނޭގެއެވެ. ރިސޯޓްތައް ހިންގާ ރާއްޖޭގެ ބައެއް އޯނަރުން އަދި ތިބީ ހަމަ މަންޒަރު ބަލާށެވެ. ރިސޯޓް ނުފުރެނީސް ނުހުޅުވާން ވެސް ކަންނޭގެއެވެ. ރިސޯޓްތައް ހުޅުވައިގެން އެންމެ މީހަކުވެސް ރާއްޖެއަށް އެތެރެ ކުރެވޭތޯ ސަރުކާރުން ހެސްކިޔާފައި މަސައްކަތް ކުރަމުން ގެންދާއިރު މިދެންނެވި އޯނަރުން ހަމަ ކަހާތަން ހިރުވައިވެސް ނުލައެވެ. ޤައުމުގެ އިޤްތިޞާދު އަނަރޫފަވެ ޖަހާފައިހުރި މަސްކޮޅު ހުސްވާއިރުވެސް އެވެރިންނަށް ވަރިހަމައެވެ.

ދެން މިވަގުތަށް ހުޅުވާފައިހުރި ބައެއް ރިސޯޓުތަކުގެ ޙާލަތުވެސް ވަކި ސަހަލެއް ނޫނެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނަށް ފޮލޯ ކުރުމެއް ނެތެވެ. ނިކަމެތި މުވައްޒަފުން ރިސްކަށް ލައިގެން އެޗްޕީއޭގެ ގައިޑްލައިނަށް ޢަމަލު ކުރުމެއްނެތި އެކަމުންވެސް ނަގަނީ ނާޖާއިޒް ފައިދާއެވެ. އެންމެ ފަހުން މުވައްޒަފުންގެ ކެތްތެރިކަން ކޮޅުންލައި އެވެރިންވެސް ތޮށިގަނޑު ފަޅާލާފައި ނިކުންނަން ދިމާކޮށްފިއެވެ. މަޖުބޫރީ ޙާލަތުގައި ނަމަވެސް ފަތުރުވެރިކަމާބެހޭ ވަޒީރުވެސް ބަސް ވިދާޅުވެއްޖެއެވެ. "ނުބީހެންޏާ ކަނޑާ ހަމަނޫން ކަމަށާއި، ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން" ކަމަށް ބުނީ އަޅުގަނޑެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް އިޝާރާތް ކުރަށްވާ އެ މޭރުމުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރު ޑރ. މައުސޫމެވެ.

މިނިސްޓަރު މި މޭރުމުން ވިދާޅުވިއިރު އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ވަނީ ފުރަތަމަ ފަހަރަށް ރިސޯޓަކުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައެވެ. މިވަގުތު ކޮންމެހެންވެސް ޢާމްދަނީއެއް ހޯދުމަށް މަޖުބޫރުވެފައިވާ މުވައްޒަފުން ވަޒީފާއަށް ނެރެ އެ މުވައްޒަފުންގެ މަޖުބޫރިއްޔަތުގެ ނާޖާއިޒް ފައިދާ ނެގުމަށް އުޅުމުގެ ތެރޭގައި ފުރާނައެއް ގެއްލުނީއެވެ. އެހެނަސް މިދެންނެވި ފަދަ ބައެއް ރިސޯޓް އޯނަރުންނަށް ހަމަ އޯކޭއެވެ. ކުލި ދައްކާން ނުޖެހޭތީއާއި، ވަޒީފާއަށް ނުނެރޭ މުވައްޒަފުންނަށް ސަރުކާރުން ހަވާލުވެފައި ވާތީ، ބައެއް ރިސޯޓް އޯނަރުން އެތަންތަން ނުވެސް ހުޅުވަނީއެވެ. ނޫނީ ހުޅުވުމަށް ފަހުވެސް އަލުން ރިސޯޓްތައް ބަންދު ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުވަން އުޅެނީއޭވެސް ހީވާފަހަރު އެބަ އާދެއެވެ. އާޚިރުގައި މިފަދަ އޯނަރުންގެ ސަބަބުން ބުރަ ބޮޑުވަނީ ހަމަ ސަރުކާރަށެވެ.

ސަރުކާރަށް މިހާރުވެސް އެދަނީ ހަމަ އޮބާޖެއްސޭ ފަހަރާއި ނުޖެއްސޭ ފަހަރެވެ. ރިސޯޓްތައް ހުޅުވާލައިގެން މީހުން ގެންނަން ފެށީމާ ވަޒީފާ ގެއްލިފައި ތިބި މުވައްޒަފުންނަށް ސަރުކާރުން ދޭންޖެހޭ އެއްޗެއް ކުޑަވެ ސަރުކާރަށް ލުޔެއް ލިބި އަދި މުވަޒަފުންގެ ވަޒީފާތައް ރުޖޫޢަ ކުރަން ޖެހިދާނެތީވެސް ކަންނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން