ރައީސް ޗައިނާ ވަފްދާއި ބައްދަލު ކޮށްލެއްވުން-
ރައީސް ޗައިނާ ވަފްދާއި ބައްދަލު ކޮށްލެއްވުން-
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ) ގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އާއި، އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރަށްވައިފިއެވެ. ރައީސް އޮފީހުން ބުނީ، މި ބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ވަނީ، ދެ ޤައުމުން ހިފަހައްޓާ އެއްގޮތް އުޞޫލުތަކާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރަށްވާފައެވެ. އަދި ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލު ކުރަށްވާފައިވާ ކާމިޔާބީތަކަށް ތަޢުރީފު ކުރަށްވަމުން، އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ސިފަކުރެއްވިއެވެ.

ހަމައެއާއެކު އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެހެން އެކުގައި މަސައްކަތް ކުރުމުގެ ތެރެއިން، މި ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށް ޕެންގް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނަގިނައިން ބޭއްވެމުންދިއުމަކީ، މި ބައިވެރިވުމުގެ ބަދަހިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އަދި ދެ ޤައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަރޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް