ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ގްރޫޕަކުން ބުލީކޮށް، ޖިސްމާނީ އަނިޔާތަކެއް ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށައިފިއެވެ.

މީސްމީޑިއާގައި އިއްޔެއިން ފެށިގެން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިން ފިރިހެން ކުއްޖަކު ވެގެން އުމުރުން ހަގު އެހެން ފިރިހެން ކުއްޖަކު ވަށާލައިގެން ތިބެ، އެ ކުއްޖާގެ މޫނުމަތީގައި ޖަހައި އަދި ކޮއްޕައި އަނިޔާކުރެއެވެ. މީގެއިތުރުން، ނުހަނު ހުތުރު ބަހުރުވައިން އެއްޗެހި ކިޔައި، އަނިޔާ ލިބެމުންދިޔަ ކުއްޖާ ލައްވައި އެ އެންމެންގެ ފައިގައި އަތްލުމަށްފަހު މާފަށް އެދުމަށް މަޖުބޫރުކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ.

އެ ހާދިސާއާ ގުޅިގެން އާންމުވެފައިވާ އިތުރު ވީޑިއޯތަކުގައި ވެސް އެ ކުއްޖާ ގިސްލާ ރޮމުން ދަނިކޮށް، އެއްވެސް ރަހުމެއް ނެތި މޫނުމަތީގައި ތަކުރާރުކޮށް ޖަހާ މަންޒަރު ފެނިގެންދެއެވެ. މި މަންޒަރުތަކާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމަކާއި ނުރުހުމެއް އުފެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އަޕާ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ސަމާލުކަމަށް އައިސް، ރަސްމީކޮށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިހާރު ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ އެއްވެސް ވީޑިއޯއެއް އަދި އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް ނުވަތަ އެ ކުއްޖާ އަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގަޔާއި އެހެނިހެން ވަސީލަތްތަކުގައި ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު