ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަށް އައްޔަނުކުރެއްވި ދެ ބޭފުޅުން
ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަށް އައްޔަނުކުރެއްވި ދެ ބޭފުޅުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުހިންމު ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި މަޤާމުތަކަށް ޢައްޔަންކުރައްވާފައިވަނީ ގ. ފިނިވިލު، މުޙައްމަދު ޠަލާލް އަދި ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

މީގެތެރެއިން މުޙައްމަދު ޠަލާލް ޢައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަޤާމަށެވެ. އަދި އަޙްމަދު ޙަބީބް ޢައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށެވެ.

ޓަރޝަރީ ހެލްތު ސާވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި ޠަލާލަކީ ސަރުކާރާއި ދައުލަތުގެ ޒިންމާދާރު އިސް މަޤާމުތަކެއް ފުރުއްވައި، ޚިދުމަތުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ޔޫތު މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަރުކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްކަމުގެ އިތުރުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭނާ އެންމެ ފަހުން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. މީގެއިތުރުން ޠަލާލަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްވެސް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ތަޢުލީމީ ބޭފުޅެކެވެ. އޭނާ މީގެކުރިން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި، ވިލާ އެއާގެ ޖެނެރަލް މެނޭޖަރުކަމާއި، ކާޑެއްދޫ އެއާޕޯޓުގެ ޑެޕިއުޓީ މެނޭޖަރުކަމުގެ އިތުރުން ވިލާ ހަކަތައިގެ މެނޭޖަރުކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު