ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ގިނަ މީހުން ސޮއިކުރި ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން އެއްވެސް ޕާޓީއަކަށް މީހުން ގުޅިފައި ނުވާ މިންވަރަށް ޕީއެންސީއަށް އާ މެންބަރުން ސޮއިކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެ ޕާޓީގެ މެންބަރުންގެ ޢަދަދު 77،000 އަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މިއާއެކު ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި އެމަނިކުފާނުގެ ޕީއެންއެފްއަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، ކުޑަ ސިޓިންގރޫމެއްގައި މަދު ބަޔަކު ގޮވައިގެން ޖަލްސާ ބޭއްވުމަކީ ފަސޭހަކަމެއް ނަމަވެސް، ޕީއެންސީ ފަދަ އެތައް ހާސް މެންބަރުން ތިބި ބޮޑު ޕާޓީއަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ގިނަ މަސައްކަތްތަކާއި ތައްޔާރީތައް ބޭނުންވާނެ ކަމަށެވެ.

މީގެއިތުރުން ކުރީގެ ޕީޕީއެމް ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ޔާމީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފަލާޙު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކޮރަޕްޝަން ހިންގާފައިވަނީ ޔާމީންގެ ވެރިކަމުގައި ކަމަށާއި، އެކަމުގެ މޭސްތިރިއަކީވެސް އެމަނިކުފާނުކަމަށެވެ. އަދި އެ ވެރިކަން ނިމުނުއިރު ޤައުމުގެ އަމާންކަން ގެއްލި، ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައި، މަގުމައްޗަށް ނުކުންނަން ބިރުގަންނަ މިންވަރަށް ޙާލަތު ގޯސްވެފައިވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ލީޑަރުން މިނިވަންކުރުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެދިވަޑައިގަތުމުންވެސް ޔާމީން އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި، އެންޓި-ޑިފެކްޝަން ޤާނޫނެއް މެދުވެރިކޮށް 12 މެންބަރެއްގެ ގޮނޑި ގެއްލުވާލީވެސް އެ ވެރިކަމުގައި ކަމަށް ފަލާޙު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެންބަރުންނަށް ވަކިގޮތަކަށް ކަންކަން ކުރުމަށް އަމުރު ނުކުރައްވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން 20 ވަނަ މަޖިލިސް ހަލާކުކުރަން މަސައްކަތް ކުރިނަމަވެސް ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސް މުޢިއްޒާއެކު ސާބިތުވެކަމަށް އޭނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ފަލާޙު ވިދާޅުވީ، ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީންވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސީ ވިސްނުންފުޅާއި ސިޔާސަތުތަކުން ދަސްކުރައްވަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު