މަރްޔަމް ނަހްދާ ވަޙީދު   5 ސެޕްޓެމްބަރު 2026 - 13:19
ގެއްލިގެން ހޯދަމުންދާ މީހާ
ގެއްލިގެން ހޯދަމުންދާ މީހާ
މާލޭގައި ދިރިއުޅެމުންދިޔަ 25 އަހަރުގެ ދިވެހި ޒުވާން އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލެވެ. އާއިލާއިން އޭނާ ހޯދަން ފަށާފައިވަނީ، މިހާރު މާލޭގައި ދިރިއުޅެމުންދާ މާއީގެ އެއްވެސް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، މާއީ ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ މަހުގެ އެއްވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން، އޭނާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާ ހުރިތަނެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ފުލުހުންގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު