ޓޮކްސިކް ގެ ޕޯސްޓަރު-
ޓޮކްސިކް ގެ ޕޯސްޓަރު-
ބޮޑު ބަޖެޓަކުން އުފައްދައި ސިނަމާތަކަށް ގެނައި ފިލްމު "ޓޮކްސިކް" ގެ އިނގިރޭސި ވާޝަން އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދުވަހު އާދަޔާ ހިލާފު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 4 ވީ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމުގެ އިނގިރޭސި ވާޝަނަށް މުޅި އިންޑިއާއިން ވެސް ފުރަތަމަ ދުވަހު ވިކިފައިވަނީ އެންމެ 450 އެއްހާ ޓިކެޓެވެ. އަދި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 1.40 ލައްކަ ރުޕީސްއެވެ.

މި ފިލްމުގެ އަސްލު ކަންނަޑާ ވާޝަނާއި، ހިންދީ، ޓެމިލް، ތެލުގޫ އަދި މަލަޔާލަމް ވާޝަންތައް މިދިޔަ އޮގަސްޓު މަހުގެ 26 ގައި ވަނީ ސިނަމާތަކަށް ގެނެސްފައެވެ. ނަމަވެސް، ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބުނު ފިނި ތަރުހީބުގެ އިތުރުން، މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ހަނޫމާން އަންޝް" އަދި "މިރްޒާޕޫރު ދަ މޫވީ" އާ ދެމެދު އޮތް ވާދަވެރިކަމުގެ ސަބަބުން މި ފިލްމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ސަބަބުތަކާ ހުރެ "ޓޮކްސިކް" ގެ އިނގިރޭސި ވާޝަން އަޅުވާފައިވަނީ އިންޑިއާގެ އެންމެ ހަތަރު ސިޓީއެއްގައެވެ. އެއީ މުމްބާއީ، ބެންގަލޫރު، ގުރްގްރާމް އަދި ނޮއިޑާގައެވެ. މި ހަތަރު ސިޓީގައި ޖުމްލަ ދައްކާފައިވަނީ އެންމެ 11 ޝޯއެވެ. މީގެ ތެރެއިން މުމްބާއީ އަދި ބެންގަލޫރުން ކޮންމެވެސް ވަރެއްގެ ތަރުހީބެއް ފެނުނު ނަމަވެސް، ގުރްގްރާމް އަދި ނޮއިޑާއިން ވިކިފައިވަނީ 25 ޓިކެޓަށް ވުރެވެސް މަދު އަދަދެކެވެ.

ފުރަތަމަ ދުވަހު ވެސް ބެލުންތެރިންގެ ފަރާތުން މި ފަދަ ދަށް ތަރުހީބެއް ލިބުމާ ގުޅިގެން، ހަފްތާ ބަންދުގައި (ސެޕްޓެމްބަރު 5 އަދި 6) ގައި މި ފިލްމު ދައްކާ ޝޯތަކުގެ އަދަދު އިތުރަށް މަދުކުރާނެ ކަމަށް ބެލެވެއެވެ. އަދި މި ދިއުމުން ގޮސްފިނަމަ، އިނގިރޭސި ވާޝަނަށް މުޅި ޖުމްލަ 10 ލައްކަ ރުޕީސް ވެސް ނުލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ހުރިހާ ބަހަކުން އެކުވެގެން ސެޕްޓެމްބަރު 4 ވަނަ ދުވަހު "ޓޮކްސިކް" އަށް ލިބިފައިވަނީ ގާތްގަނޑަކަށް 1.50 އާއި 1.60 ކްރޯޑް ރުޕީސްއާ ދެމެދުގެ އާމްދަނީއެކެވެ. މީގެ ތެރޭގައި ކަންނަޑާ ވާޝަނުން 75-80 ލައްކަ ރުޕީސް ހިމެނޭއިރު، ހިންދީ ވާޝަނުން ލިބުނީ 70-75 ލައްކަ ރުޕީސްއެވެ.

ފިލްމުގެ ހިންދީ ވާޝަނަށް ފުރަތަމަ ހަފްތާ ނިމުނުއިރު 130.09 ކްރޯޑް ރުޕީސް ލިބިފައިވީ ނަމަވެސް، ބުރާސްފަތި ދުވަހު ލިބުނު 2.54 ކްރޯޑް ރުޕީސްއާ އަޅާބަލާއިރު ހުކުރު ދުވަހު ފިލްމުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން، ހިންދީ ވާޝަނަށް 150 ކްރޯޑް ރުޕީސްގެ އަމާޒަށް ވާސިލްވެވޭނެ ކަމާމެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު