ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަކުރަށްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އީސާ (އީސަ) ވިދާޅުވެއްޖެއެވެ.

އީސަ ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް މިވަގުތު ވާދަކުރަށްވަން ތިއްބެވި ބޭފުޅުންނަށް ބަލާއިރު ސިޔާސީ ގޮތުންނާއި ވެރިކަން ހިންގުމުގެ އެންމެ ބޮޑު ތަޖުރިބާއެއް ހުންނެވި ބޭފުޅަކީ ރައީސް ޞާލިޙް ކަމަށެވެ. އެހެންކަމުން ގައުމު މިއަދު އޮތް ހާލަތުން އަރައިގަނެ، މި ހާލަތު ބަދަލުކުރުމަށްޓަކައި ރައީސް ޞާލިޙް ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވާދަކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރިޔާސީ ރޭހުގައި ރައީސް ނަޝީދު ވާދަނުކުރެއްވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އަދި ސާފުކޮށް ބުނާނަމަ ރައީސް ނަޝީދު މި ރޭހުގައި ވާދަކުރެއްވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އީސަ މިހެން ވިދާޅުވި ނަމަވެސް، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ހާމަކުރަށްވާފައެވެ.

ސިޔާސީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީސަ ވިދާޅުވީ، އޭނާ ސިޔާސީ މަސައްކަތް ކުރަށްވަނީ ވަރަށް ޕްރޮފެޝަނަލް ހަމަތަކެއްގެ މަތިން ކަމަށެވެ. އަދި ޚިޔާލު ތަފާތުވާ ނުވަތަ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެއީ އެ ބޭފުޅަކާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕާޓީގެ ލީޑާޝިޕަށް ގެންނަން މަސައްކަތްކުރަން ވާނީ ގައުމަށާއި ޕާޓީއަށް އެންމެ ފައިދާކުރާނެ، އެކަމުގެ ގާބިލުކަން ހުރި ބޭފުޅުން ކަމަށްވެސް އީސަ ފާހަގަކުރެއްވިއެވެ.

އީސަ ވަނީ އޭނާގެ ސިޔާސީ ހަޔާތުގައި ކުރިއަށްދިޔުމަށް ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެދެއްވި އެހީތެރިކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް