ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިއީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ.

އެގޮތުން މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، ފުލުހުން ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި، ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މި ދެ މީހުންނަކީވެސް މި މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އަދި މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި ޖުމްލަ 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް