ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ އަދި މަޝްހޫރު ޑައިރެކްޓަރު ތިގްމަންޝޫ ދޫލިއާ އެކުގައި މަސައްކަތްކުރާ އާ މިއުޒިކަލް ތްރިލާ ފިލްމު "ވޯ ފިރް ކަބީ ދިކާ ނެހީ" ގެ މަސައްކަތް ފަށައިފިއެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޅެންވެރިޔާ އުދޭ ޕްރަކާޝްގެ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދިއްލީގެ ފަގީރު އަވަށެއްގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ 2020 ވަނަ އަހަރު ނެރުނު "ސީރިއަސް މެން" އަށްފަހު ފަގީރު އަވަށެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމަކުން ނަވާޒުއްދީން ފެންނަ ދެވަނަ ފަހަރެވެ. ނަމަވެސް މި ފިލްމު ބޮޑަށް ބިނާވެފައިވަނީ މިއުޒިކީ އަސަރުތަކެއް އެކުލެވޭ ޑްރާމާ ތްރިލާއެއްގެ ގޮތުގައެވެ.

"ގޭންގްސް އޮފް ވަސޭޕޫރު"، "މާންޖީ: ދަ މައުންޓެން މޭން" އަދި "ރާތު އަކޭލީ ހޭ" ފަދަ ކާމިޔާބު ފިލްމުތަކުން މީގެ ކުރިން މި ދެ ފަންނާނުން އެކުގައި އެކްޓަރުންގެ ގޮތުގައި ފެނިގެން ގޮސްފައިވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އޮންލައިން ސްޓްރީމިން ޕްލެޓްފޯމެއް މެދުވެރިކޮށް ފިލްމު ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ފިލްމުގެ އިތުރުންވެސް ނަވާޒުއްދީން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސޯހުމް ޝާހުގެ ބިރުވެރި ފިލްމު "ތުމްބާޑް 2" ގެ މަސައްކަތާއި، ޑާކް ކޮމެޑީ ފިލްމު "ބްލައިންޑް ބަހޫ" އަދި އެމެރިކާގެ މަޝްހޫރު މެޑިކަލް ޑްރާމާ ސީރީޒް "ހައުސް" ގެ ހިންދީ އެޑަޕްޓޭޝަން ހިމެނެއެވެ.

އަނެއްކޮޅުން، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޑައިރެކްޝަނަށް އެނބުރި އައި ތިގްމަންޝޫ ދޫލިއާގެ އާ ކްރައިމް ތްރިލާ "ގަމަސާން" އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޒީ5 އިން ޕްރީމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަރުޝަދު ވަރްސީ އަދި ޕްރަތީކް ގާންދީ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމަކީ ޑަކައިޓް ދާދޫއާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު