ފުވައްމުލައް ސިޓީގައި މަސްތުގެ ހާލަތުގައި ހުރެ އަނބިމީހާއަށް އިންޒާރުދީ ގަދަކަމުން ކާރު އަތުލައިގެން ދުއްވައި، އެއްފަހަރާ ތިން އެކްސިޑެންޓް ކުރި 35 އަހަރުގެ މީހާގެ ބަަންދު މުއްދަތު ޖަހއިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރު ފުވައްމުލަކު މޫޑިގެ ކުރިމަތިން ކަމަށެވެ. އެގޮތުން ބާރު ދުވެލީގައި ދިޔަ ކާރު އެންމެ ފުރަތަމަ ސައިކަލެއްގައި ޖެހުމަށްފަހު، ކޮންޓްރޯލް ނުވެ، އެ މަގުން ދަތުރުކުރި އެހެން ކާރަކާއި ބޭރުމަގުގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓް ވެފައިވެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުންދެއެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޏ.ފުވައްމުލައް މިސްކިތްމަގު. އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާ އެ ކާރު އަތުލާފައިވަނީ ކާރުގެ ވެރިފަރާތް ކަމަށްވާ އޭނާގެ އަނބިމީހާއަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު ގަދަކަމުންނެވެ. މި އެކްސިޑެންޓްތަކުގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު