އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން އިފްތިތާހުކުރުން
އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން އިފްތިތާހުކުރުން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މީރުމާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަނާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ، މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްކާތެރިކަމާއެކު އެސްއެމްއީ ޑިޖިޓަލްގެ ހުރިހާ ހިދުމަތްތަކަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލައިލުމާއި، ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް މެނޭޖް ކުރުމާއި، ފައިސާ ދެއްކުމުގެ އިތުރުން ވަގުތުން ނޮޓިފިކޭޝަންތައް ލިބޭނެ އިންތިޒާމުވެސް މި އެޕްލިކޭޝަނުގައި ވަނީ ހިމަނާފައެވެ.

މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު މިވަގުތު ދީފައިވަނީ ދައުވަތު ދެވިފައިވާ ހާއްސަ ފަރާތްތަކަކަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯރު އަދި ގޫގަލް ޕްލޭ ސްޓޯރު މެދުވެރިކޮށް އާންމު ހުރިހާ ކަސްޓަމަރުންނަށްވެސް މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ފާއިތުވި މުއްދަތުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށް އެސްއެމްއީ ޑިޖިޓަލްއިން ބުނީ، ބީއެމްއެލްގެ މޮބައިލް އެޕްލިކޭޝަނާ އިންޓަގްރޭޓް ކުރެވި، ބީއެމްއެލް އެޕް މެދުވެރިކޮށްވެސް ކަސްޓަމަރުންގެ ލޯނުތަކުގެ މައުލޫމާތު ބަލައިލުމާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއަދު މި ތައާރަފްކުރެވުނު މޮބައިލް އެޕުން ރަމްޒުކޮށްދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

"މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް އަޅުގަނޑުމެން ކުރަމުންދާ ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއް. ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތަކާއި އެސްއެމްއީ މާކެޓްޕްލޭސްވެސް މި އެޕްލިކޭޝަނަށް އިތުރުކުރެވިގެންދާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ ހިދުމަތްތައް ވީހާވެސް ގާތުން އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު