އަހުމަދު ޝާހް   1 ނޮވެމްބަރު 2026 - 14:56
ރަސްމާލޭ ފަރަށް އެރި ދޯނި
ރަސްމާލޭ ފަރަށް އެރި ދޯނި
މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އެރުމުން ދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އުޅަނދުގެ ވެރިފަރާތް ގުޅިގެން ކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ދިވެހި ކެޕްޓަނަކާއި 3 ބިދޭސީންނާއެކު ޖުމްލަ 4 މީހުންނެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އެގޮތުން، ފަރަށް އެރި ދޯނީގައި ތިބި 4 މީހުން ފުރަތަމަ ނަގާފައިވަނީ ރަސްމާލެއިން އެ ސަރަހައްދަށް ދިޔަ އުޅަނދަކަށެވެ. އަދި އޭގެ ފަހުން، ކޯސްޓްގާޑުގެ ހާބާ ޕެޓްރޯލް ލޯންޗުގައި އެ މީހުން ވަނީ އެ ސަރަހައްދުގައި އޮތް އެހެން އުޅަނދަކަށް ސަލާމަތްތެރިކަމާއެކު ބަދަލުކޮށްދީފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަރަށް އަރާފައިވާ އެ ދޯނީގެ ބޮޑުބައެއް ވަނީ އެއްފަރާތަކަށް ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. ނަމަވެސް، މި ހާދިސާގައި ދޯންޏަށް ލިބުނު މާއްދީ ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ސާފުވާ ގޮތެއް ނުވެއެވެ. ފަރަށް އަރާފައިވާ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.

މި ހާދިސާ ހިނގާފައިވާ ރަސްމާލޭ ސަރަހައްދުން ބޮޑުބައެއް މިހާރު ހިއްކާ ނިމިފައިވާއިރު، އެ ބިމުން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ، އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު