ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖާއަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރު އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 21:04 ހާއިރު ކަމަށްވާއިރު، މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން އުމުރުން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. ހާދިސާ ހިނގި ވަގުތު މި ދެ މީހުންވެސް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް، ކުޑަކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ފަހުން ވަނީ ބަދަލުކޮށްފައެވެ.

އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ އެ ސައިކަލު، މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަންވެގެން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލުން ނެއްޓިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު