އިރުތިޝާމް އާދަމް  މިނިސްޓަރ އޮފް ފޮރިން އެފެއާޒް
އިރުތިޝާމް އާދަމް މިނިސްޓަރ އޮފް ފޮރިން އެފެއާޒް
ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައްޔާއި، އެ ޤައުމުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވުނު އިސްލާމީ އެއްބާރުލުން އުފައްދާ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޢާންމުކުރެއްވި މެސެޖެއްގައެވެ.

ޖިއްދާގައި ބޭއްވި މި ކުއްލި ބައްދަލުވުމަކީ، ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ސުލްޙައިގެ މަގުޗާޓު ތަންފީޒުކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހަދަމުންދާތީ، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސައުދީ ޢަރަބިއްޔާގެ އިސްނެގުމުގެ މަތިން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، ބިންތައް ހިޞާރުކޮށްގެން ހިންގާ ޖަރީމާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފަށް އިސްރާއީލުން ޢަމަލުކުރަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށޭނަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ވަޒީރު ފާޅުކުރެއްވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ފަލަސްޠީނުގެ މައްސަލައަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައިގެން ކަމަށެވެ. އަދި މިނިވަން، މުސްތަޤިއްލު، އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މީގެއިތުރުން، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލާފައިވާ "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް" ވީއެންމެ އަވަހަކަށް ތަންފީޒުކުރުމަށް އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ޖިއްދާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ ހަވާސާގައި، ވަޒީރު އިރުތިޝާމް ވަނީ އިސްލާމީ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު