ށ. މިލަންދޫ
ށ. މިލަންދޫ
ސޯޝަލް މީޑިއާގައި އަނބިމީހާއާ ދިމާލަށް "ފަލައޭ" ބުނެ މަލާމާތްކުރި ކަމަށް ބުނެ، ކަތިވަޅިއެއް ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު މައްސަލާގައި ށ. މިލަންދޫން ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު އިތުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

މި މީހާގެ މުއްދަތު އެންމެ ފުރަތަމަ ޖެހީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން ބަންދަށް ފުރަތަމަ ޖެހި 12 ދުވަސް ހަމަވެގެން، އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، 22 އަހަރުގެ މީހާގެ އަނބިމީހާއާ ދިމާލަށް 31 އަހަރުގެ ފިރިހެނަކު "ފަލައޭ" ބުނެ ފުރައްސާރަ ކުރުމުންނެވެ. އެކަމާ ހިތްހަމަނުޖެހި ރުޅިގަދަވެގެން، 22 އަހަރުގެ ފިރިހެން މީހާ ވަނީ ކަތިވަޅިއެއް ހިފައިގެން އަނެއް މީހާ ދިރިއުޅޭ ގޭގެ ކައިރިއަށް ގޮސް ހަމަލާދޭން މަސައްކަތް ކޮށްފައެވެ.

މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އެ ދެމީހުން ޙާޏިރުކުރި ނަމަވެސް، 31 އަހަރުގެ މީހާ ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މިލަންދޫ ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، 22 އަހަރުގެ މީހާ ކަތިވަޅި ހިފައިގެން އެ ސަރަހައްދަށް ގޮސް، އެ ވަގުތު އެތަނުގައި ހުރި އެހެން މީހަކަށް ވެސް ކަތިވަޅި މަޅައި "ނުފުއްޕައްޗޭ" ބުނެ ބިރުދައްކައި އިންޒާރު ދީފައިވާކަން ހެކިންގެ ބަޔާނުން އެނގެން އޮވެއެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ވަގުތު، އޭނާގެ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑިދަށަށް ލައި ފޮރުވި މަންޒަރު ފެނުނު ކަމަށް ވެސް ހެކިން ބުނެފައިވެއެވެ.

ފުލުހުން އެ ސައިކަލް ބަލައި ފާސްކުރިއިރު، ސައިކަލުގެ މަޑިދަށުން ކަތިވަޅީގެ އިތުރުން އިތުރު ދެ ވަޅި ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ޤާނޫނު ބުނާގޮތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުން ނުވަތަ، މީހަކަށް މަރުގެ އިންޒާރު ދިނުން ނުވަތަ ހަށިގަނޑަށް ނުރައްކާތެރި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.



ކިޔުންތެރިންގެ ހިޔާލު