ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް
ލ. މާވަށުގައި މިދިޔަ އަހަރު ހިނގި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރި މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފްވި ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) މެރުމަށް އެކޯޓުން ޙުކުމް އިއްވައިފިއެވެ.

ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހިމް (29 އަހަރު) ނިޔާވެފައިވަނީ، 28 ޖުލައި 2025 ވަނަ ދުވަހު، ލ. މާވަށުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ހިންގީ، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29 އަހަރު) ގެ މައްޗަށެވެ. މުޙައްމަދު އިބްރާހިމް ވަނީ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދު ވަނީ، ގަތުލު ކުރުމުގެ ނިޔަތް ނެތް ކަމަށް މުޙައްމަދު ބުނި ނަމަވެސް، އޭނާ ހިންގި ޢަމަލުގައި ގަތުލުގެ ހުރިހާ އުންސުރެއް ހަމަވާ ކަމަށް ނިންމައި، އިއުތިރާފްގެ އެއްބަސްވުން ބަލައި ނުގަތުމަށް ނިންމައިފައެވެ.

މި ޝަރީއަތުގައި ފާހަގަކޮށްލެވޭ ކަމަކީ، ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން މުޙައްމަދު ދިން ބަޔާންތައް، ތޫނު ހަތިޔާރުން ދިން ހަމަލާ ހިނގި ގޮތާ ދިމާވޭތޯ ބެލުމަށް ކޯޓުން ރީ-އެންއެކްޓްމަންޓެއް ހިންގުމެވެ. އެގޮތުން ކުށަށް އިއުތިރާފްވި ފަރާތުގެ ރުހުމާއެކު، ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ ހާޒިރުގައި ކުރިއަށް ގެންދިޔަ ރީ-އެންއެކްޓްމަންޓް ގައި، ކޯޓުން ވަނީ ތަހުލީލު ރިޕޯޓާއި، ޕޯސްޓްމޯޓަމް ރިޕޯޓާއި، ޢަމަލު ހިންގިކަމަށް ބުނާ ގޮތާ ދިމާވޭތޯ ބަލައިފައެވެ.

މައްސަލާގައި ހެކިބަސް ދިން ފޮރެންސިކް ޕެތޮލޮޖިސްޓް ވިދާޅުވީ، މޫސާ އިބްރާހިމް ނިޔާވެފައިވަނީ، ތޫނު އެއްޗަކުން ދިން ހަމަލާގައި، ކަރުގެ ލޭ ހޮޅިތައް ކެނޑި، ގިނަ ޢަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލާގއި ނިޔާވި ފަރާތުގެ ދެ ވާރިސުން ވެސް، ޤިޞާޞް ހިފަން ބޭނުންވާ ކަމަށް ބުނެ ހެކިބަސް ދީފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު އިބްރާހިމް، ލ. މާވަށުގައި ހިންގި ގަތުލުގެ ކުށުގައި ކުށްވެރިވާ ކަމަށް ނިންމައި، މަރުގެ ޙުކުމް އިއްވައިފައެވެ.

2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި މި ޙާދިސާގައި މަރުވީ ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އެވެ. މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

މޫސާ އިބްރާހީމްއަށް ހަމަލާދީފައިވަނީ ފަހަތުން ގޮސް، ކަރަށް އަމާޒުކޮށެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު