މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން، އާމިރު ސަލީމަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭ ކަމުގެ ޝަކުވާ ފުލުހަށް ހުށައެޅިތާ ގާތްގަނޑަކަށް 24 ގަޑިއިރު ވެގެން ދިޔައިރު ވެސް ފުލުހުންގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށް ކުޑޫ ވިދާޅުވެއްޖެ އެވެ.

ކުޑޫ މިހެން ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކުޑޫ ވިދާޅުވި ގޮތުގައި، ތިމާއާއި އާމިރު ސަލީމަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން ރޭވިފައިވާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިވަޑައިގެންނެވި ކަމަށާއި، ވީ އެންމެ އަވަހަށް ފިޔަވަޅު އެޅުމަށްޓަކައި، އިއްޔެ ހެނދުނު 01:43 ގައި ފުލުހަށް ސިޓީ ފޮނުއްވި ކަމަށެވެ.

"އަޅުގަނޑު އިއްޔެ ފުލުހަށް ސިޓީއެއް ފޮނުވިން 01:43 ގައި. މިހާރު މިއަދު 24 ގަޑިއިރު ވުމާ ހިސާބަށް ދާއިރު، މި ސިޓީ އަށް ޖަވާބެއް ނުދެއްވާ،" ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުށައަޅާ ޝަކުވާ އަށް ވެސް ފުލުހުން ޖަވާބު ނުދޭ ކަމަށްވާ ނަމަ، އާދައިގެ ރައްޔިތެއްގެ ޝަކުވާ ފުލުހުން ބަލާނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވާފަ އެވެ. ކުޑޫ ވިދާޅުވީ، ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ގެއްލުން ދޭން ރޭވިފައިވާ ކަމުގެ ޝަކުވާ ވެސް ވަކިން ފުލުހަށް ހުށައަޅާފައިވެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު