ފޮޓޯ: އެމްޑީޕީ
ފޮޓޯ: އެމްޑީޕީ
ރާއްޖޭގެ އިގުތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް އިތުރަށް ގޯސްވަމުންދާ ކަމަށާއި، ރައްޔިތުންނާއި ވިޔަފާރިވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ކުރިން ސަރުކާރު ޒިންމާދާރުވެ އިސްލާހުވާންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަމީރު ވިދާޅުވީ ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، ބޭރުގެ ދަރަނިތައް އަދާކުރުމަށްފަހު ބާކީވާ ޑޮލަރު ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 3،500 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އިންޑިއާގެ ކަރަންސީ ސްވޮޕަށް ދެއްކި ފައިސާ ހިމަނައިގެން ދަރަނި އަދާކުރުމަށްފަހު ވެސް 2.6 މިލިއަން ޑޮލަރު ބާކީވި ކަމަށެވެ. ނަމަވެސް، މި ފައިސާއިން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނާ ހަމައަށް ދިޔުމުގެ ކުރީގައި، ވިޔަފާރިތަކާ ހަމައަށް ދިޔުމުގެ ކުރީގައި ސަރުކާރު އެބަ ޖެހޭ ޒިންމާދާރުވެ އިސްލާހުވާން." އަމީރު ވިދާޅުވިއެވެ.

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލްނުވެ 22 ރުފިޔާއިން މައްޗަށް އަރައިގެން ގޮސްފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތައް އިތުރުކޮށް، ރައީސް އޮފީހަށް އެކި ނަންނަމުގައި މީހުން ނަގައިގެން ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކުން ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމާއި، ރަސްމީ ރޭޓުން ބޭރުން މާރުކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަށް އިޝާރާތްކުރައްވައި އަމީރު ވިދާޅުވީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް ގެއްލި، ވިޔަފާރީގެ ވާދަވެރި މާހައުލު ހަލާކުވެގެންދާނެ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން އަމިއްލައަށް ހަމަމަގަށް އެޅި، ޒިންމާދާރުވުމެއް ނެތި މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފިނަމަ، އޭގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ވެއްޓޭނީ އިގުތިސާދީ ފުން އަނދަވަޅަކަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު