ޓޮކްސިކް ގެ ޕޯސްޓަރު-
ޓޮކްސިކް ގެ ޕޯސްޓަރު-
އިންޑިއާގެ މަޝްހޫރު އެކްޓަރު ޔަޝް ލީޑް ރޯލުން ފެނިގެންދާ އައު ފިލްމު 'ޓޮކްސިކް' ގެ އަސްލު ކަންނަޑާ ވާޝަނަށް ސެންސަރު ބޯޑުން (ސީބީއެފްސީ) ގިނަ ބަދަލުތަކެއް ގެނެސް، ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތައް ކުރުކުރަން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިލްމު ފެށުމުގެ ކުރިން ވާހަކައިގެ ބާވަތް ބަޔާންކޮށްދޭ އަޑާއެކު ޑިސްކްލެއިމާއެއް ހިމެނުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެއްޗާ ދެކޮޅު އިންޒާރުގެ މެސެޖުތައް ސާފުކޮށް ފެންނާނެހެން ހިމެނުމަށް ސެންސަރު ބޯޑުން ވަނީ އަންގާފައެވެ. މީގެ އިތުރުން ފިލްމުގެ ސަބްޓައިޓަލްސް އާއި އަޑުގައި ހުރި އެކަށީގެންނުވާ އަދި ނޭދެވޭ ބަސްތައް ބަދަލުކުރުމާއި މިއުޓްކުރުމަށް ވެސް ވަނީ އަންގާފައެވެ.

ފިލްމުގެ ވިޝުއަލް މަންޒަރުތަކަށް ބަލާއިރު، ނުރައްކާތެރި އަނިޔާވެރި މަންޒަރުތަކާއި ގައިގޯޅި މަންޒަރުތަކުން ޖުމްލަ 33 ސިކުންތު ވަނީ އުނިކޮށްފައެވެ. އެގޮތުން ކުޑަކުއްޖަކު މީހަކު މަރާލާ މަންޒަރާއި، ގައިގޯޅި މަންޒަރުތައް ހިމެނޭ 7 ތަނަކުން އެ މަންޒަރުތައް ވަނީ 30 އިންސައްތަ ކުރުކޮށްފައެވެ. އަދި ޔަޝް (ރާޔާ) އަންހެނަކާއެކު އެނދުގައި އުޅޭ މަންޒަރުގެ 50 އިންސައްތަ ވަނީ ކަނޑާލާފައެވެ.

މީގެ އިތުރުން، އިލެކްޓްރިކް ކީހަކުން މީހަކު މަރާލާ މަންޒަރާއި އަދިވެސް ބައެއް މަންޒަރުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މި ހުރިހާ ބަދަލުތަކަކަށްފަހު، ސީބީއެފްސީން ވަނީ 'ޓޮކްސިކް' ގެ ކަންނަޑާ ވާޝަނަށް 'އޭ' (އެޑަލްޓްސް އޮންލީ) ސެޓްފިކެޓް ދީފައެވެ. ފިލްމުގެ ދިގުމިނަކީ 3 ގަޑިއިރާއި 14 މިނެޓެވެ.

މި ފިލްމުގެ ޑަބްކޮށްފައިވާ އެހެން ބަސްބަހުގެ ވާޝަންތައް (ހިންދީ، ޓެމިލް، ތެލުގޫ އަދި މަލަޔާލަމް) ސެންސަރު ކުރުމުގެ ކުރިން މި ބަދަލުތައް ހިމަނާފައިވާތީ، އެ ވާޝަންތަކަށް ވެސް މި އުނިއިތުރުތައް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު