އެމްއެމްއޭ
އެމްއެމްއޭ
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ވަރަކަށް ބޭރު ފައިސާ މާރުކޮށްފައި ނުވާ ރިސޯޓުތަކަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު، ޓޫރިޒަމް ދާއިރާގެ ބޮޑު ބަޔަކުން ދަނީ ގަވާއިދަށް ފުރިހަމައަށް ބޯލަނބަމުންނެވެ. އެގޮތުން %78 ރިސޯޓުން ގަވާއިދާ އެއްގޮތަށް ފައިސާ މާރުކުރަމުންދާއިރު، އެކަށީގެންވާ ވަރަށް އެކަން ނުކުރެވެނީ %20 ރިސޯޓަށެވެ. މީގެ އިތުރުން ގެސްޓްހައުސްތަކާއި ސަފާރީތައް ހިމެނޭ ކެޓަގަރީގެ %48 ތަނުން އަދި އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުގެ %38 ފަރާތުން އަންނަނީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރަމުންނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތު ދީގެން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބޮޑެތި ވިޔަފާރިތަކުން އެދޭ ލުއިތައް ދެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށްވާތީ، އެ އިސްލާހުތައް މިހާރު ވަނީ ހުށަހަޅާފައެވެ.

މި އުސޫލުގެ ދަށުން އެމްއެމްއޭއަށް ޖަމާވާ ބޭރު ފައިސާގެ ބޮޑު ބައެއް ހޭދަކުރަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެއްޗާއި، ތެލާއި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށެވެ. އަދި އޭގެ ތެރެއިން %30 ދިވެހި ބޭންކުތައް މެދުވެރިކޮށް އާންމުންނާއި ކުދި ވިޔަފާރިތަކަށް ދޫކުރަމުންދާ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް